އެމްއޭސީއެލް އަދި ސްޓެލްކޯ އިން ތަރައްގީކޮށްފައިވާ އެޕާޓްމަންޓްތަކަށް އެފްޓީޓީއެޗް (ފައިބާ ޓު ދަ ހޯމް) ކަނެކްޝަންތައް އެޗްޑީސީން ފޯރުކޮށްދީފިއެވެ.

އެޗްޑީސީން ބުނީ، ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ރައްޔިތުން މި ނެޓްވޯކް ބޭނުންކޮށްގެން އިންޓަނެޓް އަދި ކޭބަލްޓީވީގެ ހިދުމަތް ހޯދަން ފަށާފައިވާ ކަމަށެވެ. މި ނެޓްވޯކް އިން އާންމުންނަށާއި އަދި މި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ވެސް ގިނަ ފައިދާތައް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި މިކްސްޑް-ރެޒިޑެންޝަލް އެޕާޓްމަންޓްތަކުގައި ފަސޭހައިން ލިބޭ އެފްޓީޓީއެޗް ކަނެކްޓިވިޓީއަކީ ރައްޔިތުން ދިރިއުޅެން ފެށިހާ އަވަހަކަށް އިންޓަނެޓާއި ޓީވީ އަދި މިފަދަ ހިދުމަތްތައް އަވަހަށް ހޯދުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، މި އެފްޓީޓީއެޗް ކަނެކްޝަންތަކުގެ ސަބަބުން ރައްޔިތުންނަށް ރަނގަޅު ސްޕީޑް އަދި ސާވިސް ރޭންޖެއް ލިބިގެންދާނެ ކަމަށެވެ. އަދި އެފްޓީޓީއެޗް (ފައިބާ ޓު ދަ ހޯމް) ނެޓްވޯކްގެ ސަބަބުން ހިދުމަތްދޭ ފަރާތްތަކަށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން، ފިޒިކަލް ކޭބަލިން އިންސްޓޯލް ކުރުމަށް މާގިނައިރު މަޑުކޮށްގެން ނުތިބެ ވަގުތުން ކަސްޓަމަރުންގެ ގެއަށް ކަނެކްޝަން ފޯރުކޮށްދެވޭނެ ކަމަށާއި އަދި އެފްޓީޓީއެޗް އާއެކު ހިދުމަތްދޭ ފަރާތްތަކަށް ކަސްޓަމަރުން އިތުރުކޮށް، ހިދުމަތް ދިނުމަށް ކުރާ ވަގުތާއި ހަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، އޯޕަން އެކްސެސް ނެޓްވޯކްގެ ސަބަބުން ހިދުމަތްދޭ ފަރާތްތަކުން ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށް ދެވިގެންދާނެ ކަމަށެވެ. އޯޕަން އެކްސެސް ނެޓްވޯކް އާއި އެފްޓީޓީއެޗް (ފައިބާ ޓު ދަ ހޯމް) އެކު މަގުތައް ކޮނުން މަދުކުރެވި، ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކުން އެއްނެޓްވޯކެއްގައި ގިނަ ބަޔަކަށް އެއްފަހަރާ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި، އިންފްރާސްޓްރަކްޗަރަށް ކުރާ ކެޕިޓަލް ހަރަދު ވަރަށް ބޮޑަށް ކުޑަކުރުމުގެ އިތުރުން، ހިދުމަތްދޭ ފަރާތްތަކަށް ނެޓްވޯކް ބެލެހެއްޓުމުގެ ހަރަދުތައް ކުޑަކުރެވިދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.