ކޮމިއުނިޓީ ނާސް ވޮލެންޓިއާސް އާއި އެޗްޑީސީ ގުޅިގެން އިސް ރަށްވެހިންގެ ހެލްތް ސްކްރީނިން އަދި މައުލޫމާތު ދިނުމުގެ ސެޝަންއެއް މިއަދު ހުޅުމާލޭގައި ކުރިއަށް ގެންގޮސްފިއެވެ.

އެޗްޑީސީން ބުނީ، މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހި ބީޗް ސަރަހައްދުގައި ކަމަށެވެ. އެ ހަރަކާތުގައި ހަކުރު ޗެކް ކުރުމާއި، ލޭގެ ޕްރެޝަރު ޗެކް ކުރުން އަދި ސިއްހީ ގިނަ މައުލޫމާތުތައް ވަނީ ބައިވެރިންނާ ހިއްސާ ކޮށްފައި ކަމަށް އެޗްޑީސީން ބުނެއެވެ.

މި ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށް އެޗްޑީސީން ބުނެއެވެ. އެ ގޮތުން ކޮންމެ މަހަކު 2 ފަހަރު ބޭއްވުމަށް ނިންމާފައިވާ ކަމަށާއި މި ޕްރޮގްރާމް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ވެސް ބާއްވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ރަށްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތްތައް ފޮރުކޮށްދީ، ގިނައިން ރައްޔިތުން ބޭނުންވާ އިޖްތިމާއީ ކަންކަން ރާވާ ހިންގުމަށެވެ. އިސް ރަށްވެހިންނަށް ސއްހީ ކަންކަމާ ގުޅޭ މައުލޫމާތު ފޯރުކޮށް ދީފައިވާ އިރު މީގެ ކުރިން އެޗްޑީސީން ވަނީ ހުޅުމާލޭގައި ރައްކާތެރި އަމާން ވެއްޓެއް ގާއިމް ކުރުމަށް ވެސް އެކި ކަހަލަ މައުލޫމާތު ސެޝަންތައް އާންމުންނަށް ފޯރުކޮށް ދިނުމަށް ސެޝަންތައް ބާއްވާފައެވެ.