ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނީ ޕާޓީގެ ހަމަތަކާއި އިޖުރާއަތުގެ ތެރެއިން ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރަސްމީކޮށް ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ހަވާލުކުރުމާ ގުޅޭ ގޮތުން މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އެ ފުރުސަތު، ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރައްވާ ޕާޓީގެ ބޭފުޅުންނަށް ލިބޭނެ ކަމަށެވެ.

ޔާމީނަށް 2023 ގެ ޓިކެޓް ދެއްވުމަށް އެ ޕާޓީގެ ޖޮއިންޓް ސެނެޓުން މާކުރިން ނިންމަވާފައިވާ ކަމަށާއި އެ ޕާޓީގެ އާންމު މެމްބަރުންނާއި ޕާޓީގެ ކޮމިޓީތަކާއި ސެނެޓުން ވެސް ގަބޫލުކުރަނީ ގައުމު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކުރެވޭނެ ހަމައެކަނި ސިޔާސީ ލީޑަރަކީ ޔާމީން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އިދިކޮޅު ރިޔާސީ ޓިކެޓް ޔާމީން ގަބޫލުކުރައްވާފައިވާއިރު އެމަނިކުފާނަށް ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ "ހަވާލޭ ވަތަން" ގެ ނަމުގައި މިމަހުގެ 19 ގައި އިދިކޮޅުން ބާއްވާ ބޮޑު ޖަލްސާގައެވެ.