ވިއްސާރަވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، މައްޔިތުން ވަޅުލުމަށް ދަތިވާ މައްސަލަ ހައްލުކުރުން ހިމެނޭ ހެން، އެ ތަން މަރާމާތުކުރުމުގެ މަސައްކަތްތައް ކުރުމަށް ބަޔަކާ ހަވާލުކުރަން ކައުންސިލުން ފާސްކޮށްފިއެވެ.

މިފަހުން މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި ފެން ބޮޑުވެ، މައްޔިތުން ވަޅުލުން ވަގުތީގޮތުން ހުއްޓާލައި، ބައެއް މައްޔިތުން މާލެ ގެނެސް ވަޅުލާން މަޖުބޫރުވިއެވެ.

އެހެންވެ، މި މައްސަލަ ހައްލުކުރުމަށްޓަކައި މިއަދު ބޭއްވި މާލެ ކައުންސިލަށް މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އެވެ މައްސަލަ ހުށަހަޅުއްވައި ޝުޖާއު ވަނީ، ބޯކޮށް ވާރޭވެހޭ ދުވަސްވަރު ހުޅުމާލެ ސަހަރާގެ ގޯތިތެރޭގައި ފެން ބޮޑުވުމުގެ ސަބަބުން އެތަން ބޭނުންކުރާ މީހުންނަށް ގެއްލުންވާ ކަން ފާހަގަކުރައްވައިފައެވެ. އެހެންވެ، ޝުޖާއު ހުށަހެޅުއްވީ ފެން ހިންދާ ނިޒާމެއް ގާއިމްކޮށް އެ މައްސަލަ ހައްލުކުރުމަށެވެ.

މީގެ އިތުރުން ޝުޖާއު ވަނީ، ހުޅުމާލެ ސަހަރާގެ މަރާމާތުގެ ތެރޭގައި ހިމަނަން ބޭނުންވާ އިތުރު ކަންކަން ވެސް ހުށަހަޅުއްވައިފައެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • މަޑުޖެހިފައިވާ ފާހާނާ ބަރީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް: އެއީ އަންހެނުންނަށް ދެ ފާހާނާ އާއި ފިރިހެނުންނަށް ދެ ފާހާނާ
  • ހިނަވާގެތަކުގެ އޮޅިގަނޑު މަރާމާތުކުރުން
  • ޅަދަރިމައިންނަށް ޑޭ ކެއާ ރޫމެއް
  • ފުރޮޅުލީ ގޮނޑީގައި މައްޔިތުންގެ މޫނު ދެކެން ދާ މީހުންނަށް ފަސޭހައިން ވަދެވޭނެ ނިޒާމެއް

ޝުޖާއުގެ މައްސަލަ އަށް ތާއީދުކުރެއްވި މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ޒަމީރު ވަނީ، ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދުން ލަސްވާނެތީ މަދުވެެން ދޮޅު ފޫޓަށް ސަހަރާ އަށް ވެލި އެޅުމަށް ހިމެނުމަށް ހުށަހަޅުއްވައިފައެވެ. ޒަމީރަށް ފަހު ދެން ފުރުސަތު ލިބިވަޑައިގެންނެވި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ ވަނީ، ފުރޮޅީ ގޮނޑީގައި ތިބޭ އަންހެނުންނަށް ކަށުނަމާދުކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުން ހިމެނުމަށް ހުށަހަޅުއްވައިފައެވެ.

މި މައްސަލަ ފާސްކުރުމަށް ފެނޭތޯ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވޯޓަށް އެއްސެވުމުން، ވޯޓުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ހުޅުމާލެ ސަހަރާގެ މަރާމާތު މަސައްކަތަށް އިއުލާނުކުރުމަށް ވަނީ ފާސްކޮށްފައެވެ.