އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހުކުމް ތަންފީޒު ކުރައްވަމުން ގެނަދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ގޭބަންދުން މާލެ ބަންދަށް ބަދަލު ކުރުމަކީ ވެސް އަނިޔާއެއް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރީ މި މަހުގެ އެއްވަނަ ދުވަހުއެވެ. ރޭގެ ވަގުތެއްގައި ޝަރުތު ތަކަކާއެކު ވަނީ ގޭ ބަންދުން ރަށު ބަންދަށް ޔާމީން ބަދަލު ކޮށްފައެވެ.
އެކަމާ ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ގޭބަންދުން ވީއްލައި މާލެ ބަންދުގައި ބެހެއްޓުމަކީ ވެސް އަނިޔާއެއް ކަމަށާއި ރައީސް ޔާމީންގެ މައްޗަށް ޝަކީލު އިއްވީ 'ހަރާމް ހުކުމެއް' ކަމަށެވެ.
މީގެ އިތުރުން އަލީ ރަޝީދު ވެސް އިއްވީ ހަރާމް ހުކުމެއް ކަމަށާއި ރައީސް ޔާމިނަކީ މައުސޫމް ބޭފުޅެއްކަން ހާމަވަމުންދާ ކަމަށް ޝުޖާއު ފާހަގަ ކުރެއްވިއެވެ. ރައީސް ޔާމިނަށް ދެމުން ގެންދާ އަނިޔާއަށް ނިމުން ގެނުވީ ރައްޔިތުން ނުކުމެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ދިން ވޯޓުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، 2018 ގެ ފަހުން ބޭއްވި ހުރިހާ އިންތިހާބު ތަކެއްގައި ރައީސް ޔާމީން، މިސަރުކާރުން ބޭއްވީ ޖަލުގައި އަނިޔާގައި ކަމަށާއި އެ އަނިޔާ ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ގައުމު ދެކެ ލޯބިވާ އެންމެހާ ރައްޔިތުންގެ ހިތުގަ ޖެއްސި ކަމަށެވެ. އޭގެ ނަތީޖާ އަކީ އެމްޑީޕީގެ މައްޗަށް ޕީޕީއެމް/ޕީއެންސީ ކާމިޔާބު ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ކަރެކްޝަންސް އަށް އެންގުމަށް ފަހު ސިއްހީ ކަންކަމަށް ބޭރަށް ދިޔުމަށް ޔާމީނަށް މިހާރު ލުއިތަކެއް ދީފައިވާ ކަމަށެވެ.
މި ލުއި އެމަނިކުފާނަށް ދީފައި ވަނީ މީގެ 15 ވަރަކަށް ދުވަސް ކުރިން ރައީސް ޔާމީން އަމިއްލަފުޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވާހަކަފުޅު ދައްކަވާ ކުރެއްވި އިލްތިމާސް އަށް ފަހުގައި ކަމަށް ރައީސް ޔާމީންގެ ރަސްމީ ޓީވީ ޗެނަލް، ޗެނަލް 13 އިން ވަނީ ބުނެފައެވެ.
ރައީސް ޔާމީނަށް މި ލިބިވަޑައިގެންނެވި ލުޔާ އެކު މާލެ ސަރަހައްދުގައި ހިމެނޭ މާލެ ވިލިމާލެ އަދި ހުޅުމާލެއަށް އެމަނިކުފާނަށް ވަޑައިގެންނެވޭނެއެވެ.
ރައީސް ޔާމީން މާލެ ބަންދަށް [ރަށު ބަންދަށް] ބަދަލު ކޮށްފައި ވާ އިރު، އަންނަ މަހުގެ 6 ގައި، މިހާރު ކުރިއަށް ދާ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. އެ ދުވަހު ޔާމީން މިނިވަންވެ ވަޑައިގަތުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު ބުނެއެވެ.