ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހުމުގެ މައްސަލައިގައި ރާއްޖެއަށް ޗާގޯސް ގެއްލުނު ކަމަށް ބުނާ މައުޟޫއަށް ވާހަކަ ދައްކަވަމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ޖޯކު ޖައްސަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފަން ރަށް ޅ. ހިންނަވަރު ވެސް ވިއްކާލައްވަފާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ރޭ އާޓިފިޝަލް ބީޗްގައި އިދިކޮޅުން ބޭއްވި 'ޗަ ގޯސް' ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގަތުމަކީ ހެޔޮ ވާރުގެ ކަމެއް ނޫން ކަަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިއްޔާ ޅ. ހިންނަވަރާއި ޅ. ނައިފަރުވެސް ވިއްކާލައްވަފާނެ ކަމަށެވެ. އަވައްޓެރިން ވެސް ދޫ ނުކުރައްވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
މިއަދު ގެއްލުނީ ރާއްޖޭގެ އެއް އަތޮޅު ކަަމަށާއި އެއީ އަމިއްލަ ހަށިގަނޑުން ގުނަވަނެއް ބުރިކޮށްލުން ފަދަ ކަމެއްގެ ގޮތުގައި ޖަމީލް ސިފަ ކުރެއްވިއެވެ. އަދި މި ފަދަ ކަމެއް ދިމާވުމުން ކޮންމެ ދިވެހި ދަރިއެއްގެ ހިތުން ވެސް ވިންދު ޖަހަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެއެވެ. މިއަދު ރާއްޖޭގެ އެއް އަތޮޅު ވިއްކާލި ކަމަށް ތުހުމަތު ކުރައްވަމުން ޖަމީލް ވިދާޅުވީ، ރާއްޖޭގައި ވަކިން އޮތް އަތޮޅެއް ކަމަށްވާ ފުވައްމުލަކު ވެސް މާދަމާ ވިއްކާލައްވަފާނެ ކަމަށެވެ.
އިއްޔެ އިޓްލޮސް އިން ނިންމި ނިންމުމާ ގުޅިގެން ސަރުކާރާ އިދިކޮޅު ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުން އަންނަ މި ދަނޑިވަޅުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވެސް ވަނީ އެކަމުން 'ކުރެއްވި ހިތާމައާއި ޝުއޫރު' ފާޅު ކުރައްވާފައެވެ. އެގޮތުން ރެއަކީ ވަރަށް ހިތާމަވެރި އަދި ހިތްދަތި އިހްސާސްތަކެއް މި ދިވެހި ޖައްވުގައި، މި ބިމުގައި ދިރިއުޅެމުންދާ ކޮންމެ ދިވެއްސަކު ކުރަމުންދާނެ ރެއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރެއަކީ ދިވެހިރާއްޖޭގެ މި ފަސްގަނޑުގައި ދިވެހިން މިނިވަންކަމާ އެކު ވިހުރަމުން ދިޔަ ދިދަ ހިނދުކޮޅަކަށް ނަމަވެސް އިސް ދަށަށް ޖަހާލި ކަމުގެ އިހްސާސް ކުރެއްވުނު ރެއެއް ކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު ރައުސުލްމާލު ކަމުގައިވާ ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާނެ ކަނޑުން ބޮޑު ބައެއް ދިވެހިރާއްޖެއަށް ގެއްލިއްޖެ ކަމުގެ ހިތްދަތި އިހްސާސްތައް ކުރައްވަމުން ގެންދަވާ ކަަމަށާއި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް ވިއްކާލައިފި ކަމުގެ ހިތްދަތި އިހްސާސްތައް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަން ތާރީހުން ފެންނަން ހުރި ކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ، މީލާދީން 1561 ވަނަ އަހަރު ނުވަވަނަ ހަސަން ރަސްގެފާނު، އިންޑިއާގައި ހުންނެވި އިރު އެމަނިކުފާނު ފޮނުއްވި ލިޔުންތަކުގައި ފޯޅަވައްސަކީ ދިވެހި ރަސްކަމުގެ ބެލުމުގެ ދަށުގައި އޮތް ތަނެއް ކަން ރާއްޖޭގެ ތާރީހުން ފެންނަން އެބަ އޮތް ކަމަށެވެ. މި ހުރިހާ ކަމަކަށް ބަލާއިރު ފޯޅަވައްސާއި ރާއްޖެއާ އޮތް ގުޅުން ވަރަށް ރަނގަޅަށް ހާމަވެގެން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފޯޅަވަހީގެ ސިޔާދަތީ ބާރުތައް ހޯދުމަށް މޮރިޝަސްއިން މަސައްކަތް ފަށަފައި ވަނީ 1992 އެހާ ހިސާބުގައި ކަމަށާއި އދ އަށް މި މައްސަލަ ވެއްދި ހިސާބުން ވެސް އޭރު ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އައިސްފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން 1996 ވަނަ އަހަރުގެ ރާއްޖޭގެ ކަނޑުތައް ހިމާޔަތް ކުރުމަށް ގާނޫނެއް ހަދާފައިވާ އިރު، އެ ގާނޫނުގައި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަކީ ރާއްޖެ ވަށައިގެން 200 ނޯޓިކަލް މޭލް ކަމަށް ބުނެފައިވާ ކަަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ.
އދ އަށް މައްސަލަ ހުށަހެޅުނު ހިސާބުން ފެށިގެން މި ވެރިކަމާ ހަމައާ ޖެހެން ދެން ރާއްޖެއިން ވޯޓު ދެމުން ދިޔައީ އިނގިރޭސިވިލާތާ އެއްކޮޅަށް މޮރިޝަސްއާ ދެކޮޅަށް ކަމަށާއި ނަމަވެސް މި ސަރުކާރުން ވަނީ އެތައް އަހަރެއް ވަންދެން ރާއްޖެއިން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށްފައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އެއާއެކު ރާއްޖޭގެ ބައެއް މި ސަރުކާރުން ގެއްލުވާލާފައިވާ ކަމަށާއި ރާއްޖޭގެ ސަރަހައްދުން ބައެއް މި ސަރުކާރުން ވިއްކާލާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެ ޖަލްސާގައި ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވާހަކަ ދައްކަވަމުން ވަނީ ވަރަށް ބޮޑަށް ރައީސް ސޯލިހަށާއި މި ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ، ރާއްޖޭގެ ރަސްކަމުން ފެށިގެން މިހާ ހިސާބަށް އައި އިރު، ޖެހިގެން އޮތް ގޯއްޗަކީ [ޗާގޯސް] އަކީ އަހަރެމެންގެ ތަނެއް ގޮތުގައި ބުނަމުން އައި އިރު، ދެން ތިބި މީހުން [މޮރިޝަސް] ވެސް ބުނަމުން އައީ އެއީ އެމީހުންގެ ގޯއްޗެއް ކަމަށެވެ. އެހެން ބުނެބުނެ ތިއްބާ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގައި އެ ގޯތީގެ ގިފިލި ވިއްކާލައިފި ކަަމަށް ޝުޖާއު ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައިސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދުނިޔޭގެ ރައީސް ކަމަށް އައްޔަން ކުރި ދުވަހު [ދިވެހި ސަރުކާރުން ފައިސާ ދީގެން ނޫސްތަކުގައި ލިޔުނީ] މީ ދިވެހިރާއްޖެއަށް ވަރަށް ފަހުރުވެރި މަގާމެއް ކަމަށް ޝުޖާއު ފާހަގަ ކުރެއްވިއެވެ. އިދިކޮޅު ލީޑަރުން އެއްވެ އެ ދުވަހު ބުނެފައި ވަނީ ގައުމުގެ ދުވަސް މި ދިޔައީ ކަމަށާއި މި ފަހަރު ގައުމު ވިއްކާލާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ދުނިޔޭގެ ރައީސް ކަމުގެ މަގާމުގައި އިންނަވާފައި ލިބުނު ހުސްވަގުތު ކޮޅެއްގައި ރާއްޖެއަށް ވަޑައިތުމަށް ފަހު ރައީސް ސޯލިހްގެ ކަންފަތްޕުޅުގައި އަބްދުﷲ ޝާހިދު ވިދާޅުވި ކަަމަށް ތުހުމަތުކުރައްވައި ޝުޖާއު ވިދާޅުވީ، ދެވަނަ ދައުރެއް ހޯއްދެވުމަށް ފައިސާ ބޭނުމިއްޔާ އެގޮތް އެބަ އޮތް ކަމަށް ކަމަށެވެ. އެއީ 500 މިލިއަން ޑޮލަރު ލިބޭނެ ޑީލެއް ކަަމަށް ވިދާޅުވެ އަބްދުﷲ ޝާހިދު ދިއްކުރެއްވި ސިޓީއެއްގައި ރައީސް ސޯލިހް ސޮއި ކުރެއްވި ކަމަށް ވެސް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.
ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ދައުރު ނިންމަވާފައި ނިކުމެވަޑައިގަންނަވަމުން ވިދާޅުވި ބަސްފުޅަކަށް ރިއާއަތް ކުރައްވަމުން ޝުޖާއު ވިދާޅުވީ، އޭރު އެމަނިކުފާނު ވިދާޅުވެފައި ވަނީ "ރައްޔިތުންނޭ ހޭވެރިވައްޗޭ" މި ގައުމުގެ މައްޗަށް އެހެން ގައުމެއްގެ ނުފޫޒު އައިސް މިއޮތީ ނިމިފައި ކަމަށެވެ.
ޗާގޯސް ވިއްކާލައިފި ކަމަށް ތުހުމަތު ކުރައްވައި އެ ޖަލްސާގައި ޕީޕީއެމްގެ ލީޑަރުން ވާހަކަ ދައްކަވާފައިވާ އިރު، ޗާގޯސް އަނބުރާ ހޯދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެކަން ކުރާނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކާމިޔާބު ކުރެއްވުމުން ކަމަށް ވެސް ޕީއެންސީގެ ލީޑަރު އަބްދުއްރަހްމާން އަބްދުﷲ ވިދާޅުވިއެވެ.
މިއީ ހާދަ ސުންޕާ ބައެކޭ ދޯ ޕީޕީ ކުދިން. ރ ޔ ވެރިކަމުގައި ކީއްވެގެންބާ މިވަރުން ޗާގޯސް ރައްތަކުގެ މައްޗައް ދައުވާ ނުކުރީ؟؟ ނުވިތާކަށް އައްޑޫ މުލަކު ބޭފުޅުން ފޯޅަވައްސައް ދަތުރު ކުރުމަކީ އެރައްތައް ދިވެހިންގެ ސިޔާދަތީ ބާރު ފޯރުވަންޖެހޭ ހުއްޖަތެއްތޯ؟ އެހެންވިއްޔާ އެހެން ގައުމުތައް ވެސް މިގޮތައް ދިވެހިންނަށް ބަލަދުއަރާނެތާ... ބޯ ހަލާކު