ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު، އޭނާގެ އުފަން ދާއިރާ ކަމަށްވާ ބާރަށުގެ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި، ޕީއެންސީގެ އެއް ނައިބު ރައީސް ކަމަށްވާ ޝުޖާއު ވަނީ ބާރަށު ދާއިރާގެ ތާއީދާއި އެއްބާރުލުން އޭނާ އަށް ދިނުމަށް އެދިވަޑައިގެންފައެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ބާރަށު ދާއިރާ ތަމްސީލުކުރެއްވި ޝުޖާއު ވަނީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ހަމަ އެ ގޮނޑިއަށް ވާދަކުރައްވައިފައެވެ. ނަމަވެސް އެ ދާއިރާ މިހާރު ތަމްސީލުކުރައްވަމުން ގެންދަވާ އެމްޑީޕީގެ އަހްމަދު އަބްދުﷲ އާ ވާދަކުރައްވައި ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.

ޝުޖާއުގެ އިތުރުން ދެން އަންނަ މަޖިލީޙުގެ ކުޅުދުއްފުށީ އުތުރު ދާއިރާ އަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނުކުރެއްވި ނަމަވެސް، މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ އެ ނިންމެވުން އަނބުރާ ގެންދަވައިފައެވެ.

އެނގިފައިވާ ގޮތުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލުކުރައްވާ މާލޭގެ ބައެއް ކައުންސިލަރުން ވަނީ އަންނަ 20 ވަނަ މަޖިލީހުގައި ވާދަކުރައްވަން ނިންމަވައިފައެވެ.