އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް އިން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުންތަކުގައި، 'ކޮމަން ކެންޑިޑޭޓެއް' ނެރުމާ ގުޅޭ ގޮތުން މިހާތަނަށް މަޝްވަރާ ކޮށްފައި ނުވާކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާ، ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރަމަށް މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން އަންނައިރު ޝުޖާއު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެ ޕާޓީން ވެސް ވާދަކުރާނީ ވަކިން ކަމަށެވެ. އަދި 'ކޮމަން ކެންޑިޑޭޓެއް' ނެރުމަށް ދެ ޕާޓީންވެސް މަޝްވަރާކޮށްފައި ނުވާކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ ވަކި އެޖެންޑާއަކަށް ކަމަށެވެ. އަދި އެއް ކެންޑިޑޭޓަކު ނެރެން ޖެހޭ ހާލަތެއް ނެތްކަން ފާހަގަކުރައްވައި ޝުޖާއު ވަނީ އެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމާ މެދު ވެސް މަޝްވަރާތައް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ދަ ޑިމޮކްރެޓްސްގެ ހަރަކާތް ތަކުގައި ލީޑް ކުރައްވާ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ވަކި ފިކުރުތަކެއް ގެންގުޅުނު ނަމަވެސް އެ ކަންތައްތައް އެއްފަރާތް ކުރުމަށް ފަހު އެއްބަސްވެވޭ ކަންތައްތަކުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

މި ވެރިކަން ބަދަލުކުރުމަށް ޕްރޮގްރެސިވް ކޯލިޝަނާ، ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރުމަށް ނިންމާފައި ވާއިރު ދެ ފަރާތުން ގުޅިގެން ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޖޮއިންޓް ކޮމިޓީތަކެއް އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ކޮމިޓީތަކުގެ މަސްއޫލިއްޔަތާއި ޒިންމާތައް ހިއްސާކުރަމުން އަމްރު ވިދާޅުވީ އެ ކޮމިޓީތަކުގެ މަސައްކަތް ތަކަކީ އިޖްތިމާއީ އަދި އިގްތިސާދީ ބޮޑެތި މައްސަލަތަކާ ގުޅިގެން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަންކަން ހާމަކޮށްދިނުން ކަމަށެވެ.