ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށް އެ ސަރަހައްދުގައި އިމާރާތް ކުރަމުންދާ ޕްރީ ސްކޫލްގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

އެޗްޑީސީއިން ބުނީ އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން 24 ކްލާސް ރޫމް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި އެހެންނަމަވެސް އެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 12 ކްލާސް ރޫމް މި މަހު ނިންމާލެވޭނެ ކަމަށެވެ.

އެސްޖޭ ކޮންސްޓްރަކްޝަންގެ ލޮޖިސްޓިކް މެނޭޖާ ޝަފްޒާދު ސޯލިހު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ އެ ސްކޫލުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު މުޅި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި އެ ސްކޫލު ހުޅުވުމުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ ކުދިންނަށް ގިނަ ލުއިފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ޝަފްޒާދު ފަހާގަކުރެއްވިއެވެ.

އެ ޕްރީ ސްކޫލް ހުޅުވުމަށް އެތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މިނިސްޓްރީން އިއުލާންކޮށްފައިވާއިރު ޖުމްލަ 50 ވަޒީފާއަކަށް ވަނީ ހުޅުވާލާފައެވެ.