ހިޔާ ފްލެޓްތަކުގެ ކުޑަދޮރުން ފެންވަންނަ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކުރަން ފްލެޓަށް ވަދެވޭނެ ގޮތް ހަދައިދޭން އެޗްޑީސީއިން އެދިއްޖެއެވެ.
އެޗްޑީސީއިން ބުނީ ހިޔާ ފްލެޓުތަކުގެ ކުޑަދޮރުން ފްލެޓަށް ފެން ވަންނަ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8 އިން 5:30 ގެ ނިޔަލަށް ކަމަށެވެ. އެޗް 1 ، އެޗް 14 އަދި އެޗް 16 ގައިވާ އެޕާޓްމަންޓްތަކަށް ވަދެވޭނެ އިންތިޒާމާއި ކުޑަދޮރު ކައިރީ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެޗްޑީސީއިން ވަނީ އެދިފައެވެ.
މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި މަސައްކަތްކުރުމަށް ތާވަލްކޮށްފައިވާއިރު އެޗްޑީސީއިން ވަނީ ފަންގިފިލާތަކަށް ދާނެ ދުވަސްތައްވެސްވެސް ތާވަލްކޮށްފައެވެ.
އެގޮތުން މިއަދާއި މާދަމާ އެޗް 1، އެޗް 14 އަދި އެޗް 16 ގެ 20 ވަނަ ފަނގިފިލާއިން ފެށިގެން 24 ވަނަ ފަންގިފިލާގައި މަސައްކަތްކުރަން ހަމަޖެހިފައިވާއިރު މި މަހުގެ 4 އަދި 6 ވަނަ ދުވަހު މަސައްކަތް ކުރަން ހަމަޖެހިފައިވަނީ އެ ތިން ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ފެށިގެން 19 ވަނަ ފަންގިފިލާގައެވެ.
މި މަހުގެ 7 އަދި 8 ވަނަ ދުވަހު އެ ޓަވަރުތަކުގެ 10 ވަނަ ފަންގިފިލާއިން ފެށިގެން 14 ވަނަ ފަންގިފިލާގައި މަސައްކަތްކުރަން ތާވަލްކޮށްފައިވާއިރު 9 އަދި 10 ވަނަ ދުވަހު މަސައްކަތް ކުރާނީ 5 ވަނަ ފަންގިފިލާއިން ފެށިގެން 9 ވަނަ ފަންގިފިލާގައި ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
މީގެއިތުރުން އެ ޓަވަރުތަކުގެ 1 ވަނަ ފަންގިފިލާއިން ފެށިގެން 4 ވަނަ ފަންގިފިލާގައި މަސައްކަތްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 11 އަދި 13 ވަނަ ދުވަހު ކަމަށް އެޗްޑީސީއިން ބުނެއެވެ.
ތިޔަ ޚަބަރަކީ ސަރުކާރުން އެންމެ ބޭނުން ޚަބަރުތައް. ބޭނުމަކީ އެތަނަކީ އިންސާނުން އުޅެން ކަމުނުދާ ތަނެއް ކަމަށް މީހުނަށް ވިސްނައި ދިނުން. ރަނގަޅު ކޮށް ދިނުމުގެ ހެޔޮ ނިޔަތެއް ނެތް.