ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައި، އެމަނިކުފާނު މަގާމުން ވަކިކުރުމަށް އެމްޑީޕީ ތަމްސީލް ކުރައްވާ މެންބަރުންތަކެއް ބޭނުންވާ ކަމަށް، އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ މެންބަރުންތަކެއް ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވެފައި ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންހެން ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގާތަން ފެންނަ ހަތަރު ފޮޓޮއެއް ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުުއްވި މެސެޖުތަކެއްގައި އެމަނިކުފާނު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ފޮޓޯތައް ފުލުހުންނަށް ފޮނުވަންވީތޯ ނަޝީދު ސުވާލު ކުރައްވާފައި ވެއެވެ.

މީޑިއާތަކަށް ދެއްވި މައުލޫމާތުގައި، ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅަން އެކި މެންބަރުން އޭނާގެ އަރިހުގައި އެދިވަޑައިގަންނަވަމުން ގެންދަވާ ކަމަށާއި، ނަމަވެސް ރަސްމީކޮށް އެފަދަ ހުށަހެޅުމެއް ލިބިފައިނުވާ ކަމަށެވެ.

އެ މައްސަލަ ރަސްމީކޮށް ހުށަހެޅުމުން، ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް، އޭނާ ވިދާޅުވިއެވެ.

ނަޝީދު މަގާމުން ވަކިކޮށްދިނުމަށް އެދި ބައެއް މެންބަރުން ނުރަސްމީކޮށް އެދިފައި ވާއިރު، މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. ޗުއްޓީއަށް ފަހު، މި ފެށޭ މަހުގެ މެދުތެރޭގައި ޖަލްސާތައް ފަށައިގެން ކުރިއަށް ދާނެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖުތަކުގައި ނަޝީދު ވަނީ، ރައީސްގެ އަރިހުން ފޮޓޯ ހުރި ހުރިހާ އެންމެން ހިމާޔަތްކޮށްފައި، އެމަނިކުފާނުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރީ ކީއްވެތޯ ކަމަށާއި، ރައީސް ބަދުއަހުލާގީ އަމަލު ހިންގަވާ ފޮޓޯތައް ފުލުހުގައި ފޮރުވީތޯ ސުވާލު ކުރައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަންހެން ކުއްޖަކާ އެކު ރައީސް ބަދުއަހުލާގީ އަމަލު ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޮއެއް މީހަކު ފޮނުވާފައިވާ ކަމަށާއި، އެ ފޮޓޯތައް ފުލުހުންނާ ހިއްސާ ކުރައްވަންވީތޯ ވެސް ސުވާލު ކުރައްވައިފައެވެ. އަދި ފޮޓޯތަކުން ފެންނަ އަންހެން ކުއްޖަކީ އާއިލީ ރަހުމަތްތެރިއެއްގެ ދަރިއެއް ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް ރައީސް އޮފީހުން ވަނީ ނަޝީދު ކުރެއްވި ތުހުމަތުތައް ދޮގުކޮށްފައެވެ.