މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ހުރިހާ ހައްޖުވެރިން އެނބުރި ރާއްޖެ އައިސްފިއެވެ.

ދިވެހި ހައްޖުވެރިންގެ ތިން ވަނަ ގްރޫޕް މިއަދު ރާއްޖެ އައުމާއެކު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދިޔަ ހުރިހާ ދިވެހި ހައްޖާޖީން މި ވަނީ ރާއްޖެ އައިސްފައެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން މިއަހަރުގެ ހައްޖަށް މީހުން ގޮސްފައިވާއިރު ފުރަތަމަ ގްރޫޕުގައި ހިމެނޭ 157 މީހުން ރާއްޖެ އައިސްފައިވަނީ މި މަހުގެ 20 ވަނަ ދުވަހެވެ. އަދި ދެވަނަ ގްރޫޕުގައި ހިމެނޭ 175 މީހުންނެވެ. އެ ގްރޫޕު ރާއްޖެ އައީ މި މަހުގެ 23 ވަނަ ދުވަހެވެ.

މިއަދުގެ ގްރޫޕުގައި 117 މީހުން ހިމެނޭއިރު އެ ގްރޫޕު މިއަދު ރާއްޖެ އައިސްފައި ވަނީ ހެނދުނު 10 ޖެހި ފަހުންނެވެ.

ރާއްޖެއަށް މިއަހަރު ލިބުނު 453 ޖާގަ އެއްކޮށް އިސްލާމިކް މިނިސްޓްރީން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ހާއްސަކުރީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާ ހުޅުވާލީ އާންމުންނަށެވެ.