މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން މައްކާއަށް ދިޔަ ރާއްޖޭގެ ހައްޖުވެރިންގެ 3 ވަނަ ގުރޫޕު މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ރާއްޖެއިން 1000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައިވާ ކަމަށާއި، ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުކަމަށެވެ. އެގޮތުން ފުރަތަމަ ގުރޫޕު މި މަހުގެ 13 ގައި އަދި ދެވަނަ ގުރޫޕު މި މަހުގެ 14 ވަނަ ދުވަހު ރާއްޖެ އައިސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެއާއެކު އެ މިނިސްޓްރީން ބުނީ ހައްޖުވެރިންގެ ފަހު ގުރޫޕު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. މިއަހަރު ދިވެހިރާއްޖެއިން 1000 މީހުން ވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ގޮސްފައިވާއިރު، ހުރިހާ ހައްޖުވެރިންވެސް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
ދިވެހި ހައްޖުވެރިން މިފަހަރު މައްކާއަށް ގޮސްފައިވަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފައެވެ. މި ހިދުމަތް ދިވެހިންނަށް ފަހިވެފައި ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ އިރުޝާދުގެ ދަށުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދިވެހި ހައްޖާޖީން އެނބުރި ރާއްޖެ އަންނަ އިރު، އެމީހުން ބަލައި އެއާޕޯޓަށް ދާ މީހުން ވީހާ ވެސް މަދު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ހައްޖުވެރިން ބަލައި އެއާޕޯޓަށް ދާ މީހުން މަދު ކުރުމަށާއި ހައްޖުން އެނބުރި އަންނަ މީހުން ވެސް ރޯގާ ޖެހިގެން އަންނަ ކަމަށް ވާ ނަމަ މާސްކު އަޅައިގެން އައުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
އަދި ހައްޖުން އެނބުރި ރާއްޖެ އައިސް ވެސް 14 ދުވަސް ތެރޭގައި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ހޮސްޕިޓަަލަށް ދިއުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.