މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމަށްފަހު ރާއްޖެ އަންނަ ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ "ޙައްޖު އޮޕަރޭޝަން 2025" ނަމުގައި، ސަރުކާރުން ހައްޖާޖީންނަށް ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައި ދިނުމުގައި އިސްލާމިކް މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެ ގޮތުން މިއަދު ހައްޖަށް ދިޔަ ފުރަތަމަ ގްރޫޕްގެ ހައްޖާޖީން މާލެ އައިސްފއިވާ އިރު، އެއާޕޯޓުގައި އެމްއެންޑީއެފްގެ ކޮމާންޑަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފް އިން ބުނީ، ހައްޖާޖީންނަށް ސަރުކާރުން ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައި ދިނުމުގައި އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ މި އޮޮޕަރޭޝަނުގައި ހައްޖާޖީން ރާއްޖެއިން ފުރި ދުވަސްތަކުގައި، މާލެއިން އެއާޕޯޓަށް ލަގެޖުތައް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެއާޕޯޓުގައި އެކިއެކި އިންތިޒާމްތައް ހަމަޖައްސައި ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
ހައްޖުގެ މަތިވެރި އަުކަން ފުރިހަމަ ކުރުމަށް ފަހު ރާއްޖެއިން ހައްޖަށް ދިޔަ 1000 މީހުން އައުމަށް ހަތަރު ފްލައިޓެއް ވަނީ ހަމަޖައްސާފައެވެ. އެ ގޮތުން ހައްޖުވެރިންގެ ގުރޫޕުގެ ފުރަތަމަ ފްލައިޓް މިއަދު އައިސްފައިވާ އިރު، ދެވަނަ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 11:00 ގައެވެ. ތިންވަނަ ފްލައިޓް މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގައި އަންނަން ހަމަޖެހިފައިވާ އިރު، ހަތަރުވަނަ ފްލައިޓު އަންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 11:00 ގައެވެ.
ހައްޖުވެރިން އަންނަ ދުވަސްތަކުގައި އެ މީހުން ބަލައި އެއާޕޯޓަށް ދާ މީހުން މަދުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އެއީ މި ވަގުތު ރާއްޖޭގައި ރޯގާ ފެތުރެމުން ދިއުން އިތުރުވަމުން ދިއުމާއި އާންމުކޮށް ހައްޖުން އަންނަ މީހހުން ވެސް ރޯގާގެ އަލާމާތްތަކާ އެކު އަންނާތީ އެކަމުން ރައްކާތެރިވުމަށެވެ،
ހައްޖުން އެނބުރި އަންނަ މީހުން ވެސް ރޯގާ ޖެހިގެން އަންނަ ކަމަށް ވާ ނަމަ މާސްކު އަޅައިގެން އައުމަށާއި، ހައްޖުން އެނބުރި ރާއްޖެ އައުމަށް ފަހު 14 ދުވަސް ތެރޭގައި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ހޮސްޕިޓަަލަށް ދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.