ހާޖީ އެމްވީގެ ނަމުގައި ހައްޖާއި އުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ހާއްސް މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ހާޖީ އެމްވީ އެޕަކީ ފަސޭހައިން ހައްޖާއި އުމްރާއާ ބެހޭ މައުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕްލިކޭޝަނެއް ކަމަށެވެ.
އަދި ޒިކުރުކުރުމާއި ތަވާފާއި ސައުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ގުރުއާނާއި ސުންނަތުން ސާބިތުވާ ދުއާތަކާއި ހައްޖާއި އުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީހާ ބެހޭ ވީޑިއޯ ވެސް ބެލެން ހުންނާނެ ކަމަށް ވެއެވެ.
މިއީ އެޕްލިކޭޝަންގެ ފުރަތަމަ ވާޝަންކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، މި އެޕްލިކޭޝަން އިތުރަށް ތަރައްގީކުރެވިގެން ދާނެ ކަމަށެވެ. އަދި މިފަދަ އެޕްލިކޭޝަނެއް ތައާރަފް ކުރުމުގެ ބޭނުމަކީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މި އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މައުލޫމާތުތަކެއް ކަމަށެވެ. އަދި ހަމަ އެހެންމެ މި އެޕްގެ ސަބަބުން ދުއާފޮތްތަކާއި ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯން އެކަނި މިދާއިރާއާ ގުޅޭ މައުލޫމާތު ހާސިލްކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.