ހުޅުމާލޭގައި ޕެޑެސްޓްރިއަން ކްރޮސިން ޓްރެފިކް ލައިޓް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.

އެޗްޑީސީން ބުނީ، ޕެޑެސްޓްރިއަން ކްރޮސިން ޓްރެފިކް ލައިޓްތައް ހަރުކުރަނީ މަގު ހުރަސްކުރާ މީހުންނާއި ވެހިކަލް ދުއްވާ މީހުންނަށް، ރައްކާތެރި ތަނަކަށް ހެދުމުގެ ޕްލޭންގެ ދަށުން ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހުންނަ މަގުގައި މިއަދު މި ލައިޓް ހަރުކޮށްފައިވާއިރު އެޗްޑީސީން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުގައި އޭގެ ލައިޓްތައް ހަރުކުރާނެ ކަމަށެވެ.

ހުލޫމާލޭގައި ކްރޮސިން ޓްރެފިކް ލައިޓް ހަރުކުރަމުންދާއިރު ހުޅުމާލޭގެ މަގުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ސްޕީޑްރަން ބޭނުންކުރަން ވަނީ ނިންމާފައެވެ. ކުރިއަށް ހުރި ދުވަސްތަކުގައި ހުޅުމާލޭގެ މަގުތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓައި މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ވަކި ވަގުތުތެއްގައި ވީސީޕީ ސްޕީޑްރަން ބޭނުން ކުރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި ސްޕީޑްރަން އަށް ބެލުމަށް ފަހު: އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އަދި އެވަގުތު ނުހުއްޓޭ ވެހިކަލްތައް ވީޑިއޯ ބަލައިގެން ފަހުގެ މަރުހަލާގައި ގެނެސްގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.

މިހާރު ވެސް ސްޕީޑްރަންގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.