ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުން އަންނަ ހިޔާ ފްލެޓްތަކުގެ 4 ޓަވަރެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފިއެވެ.

އެޗްޑީސީން ބުނީ، ހިޔާ ޓަވަރުގައި ދިރިއުޅޭ މީހުންގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހިޔާ ޓަވަރު 13، 14 15 އަދި 16 ވަނަ ޓަވަރުގައި ކެމެރާ ހަރުކޮށްފައި ވާ ކަމަށެވެ. އެ ގޮތުން ޖުމްލަ 768 ކެމެރާ ހަރުކޮށް، އެ ކެމެރާތައް އޮޕަރޭޓް ކުރަން ފަށާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުރިހާ ޓަވަރުތަކެއްގައި ވެސް ކެމެރާ ހަރުކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެ ޕްރޮޖެކްޓުގެ ދަށުން މައިގަނޑު ހުރިހާ ސަރަހައްދެއްގައި ކެމެރާ ހަރުކުރާނެއެވެ. އޭގެ ތެރޭގައި ހުރިހާ ގޯޅިއަކާއި ލިފްޓްގެ އިތުރުން ޓެރަސްވެސް ހިމެނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފަިއވާ ހިޔާ ޓަވަރުތަކުގައި މީހުން އާބާދުވެ ދިރިއުޅެން ފެށި ހިސާބުން އެކި ކަހަލަ އިޖްތިމާއީ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ހިޔާ ޓަވަރުތަކުގައި ސަލާމަތީ ކަންކަން ނުބަލަހައްޓާ މައްސަލަ ހޫނު ވުމުން އެޗްޑީސީން ވަނީ ހިޔާ ފްލެޓުތަކުގައި 24 ގަޑިއިރު ސެކިއުރިޓީ ގާޑުން ތިބޭ ގޮތަށް 4 ގްރޫޕަކަށް މަސައްކަތް ހަވާލުކޮށްފައެވެ.

ސެކިއުރިޓީ ގާޑުން ހަރަކާތްތެރި ވާނީ ހިޔާގެ ބޭސްމަންޓާއި ޕާކިން އަދި ގްރައުންޑް ފްލޯތަކުގައެވެ. އަދި ސީސީޓީވީ މެދުވެރިކޮށް ފްލެޓުތަކުގެ އެހެން ތަންތަން ވެސް ގަވާއިދުން ބަލަމުންދާ އިރު، އެތަނުގައި ދިރިއުޅޭ މިހުންނާއި މެނޭޖްމަންޓުން ހުށަހަޅާ ސެކިއުރިޓީއާ ގުޅުން ހުރި މައްސަލަތައް އެފަރާތުން ބަލާނެއެވެ.

ހިޔާ ޓަވަރުތަކުގައި ދިިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޗްޑީސީން މަސައްކަތް ކުރަމުން އަންނަ އިރު، އެތަނުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ވެސް އެޗްޑީސީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން އެ ސަރަހައްދުގައި މިސްކިތް ބިނާ ކުރުމާއި ސްކޫލް ބިނާ ކުރުމާއި، ފިނި މައިޒާން ފަދަ ޕާކްތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.