ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވާހަކަތަކަކީ މި ފަހުން އާންމު ވެފައިވާ ވާހަކަ ތަކަކަށް ވާއިރު، އަހަރެއްގެ ތެރޭގައި ކަމާ ބެހޭ މުވައްސަސާތަކަށް މިފަދަ އެތައް އެތައް މައްސަލަތަކެއް އަންނަނީ ހުށައަޅަމުންނެވެ. މި މަހުގެ 14 ވަނަ ދުވަހު ކ. ދިއްފުށި ސިއްސުވާލީވެސް އެފަދަ ވާހަކަ އަކުންނެވެ. އުމުރުން 14 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ވާހަކަތަކުގެ އަޑުތައް ގަދަވެފައި ވާއިރު އެކަމާ ގުޅިގެން ވަނީ ބޮޑު ހަމަނުޖެހުމެއްވެސް ހިނގާފައެވެ.

ތުހުމަތުތައް ކުރެވި ފެންމަތިވެގެން އުޅޭ ޖިންސީ ގޯނާގެ މައްސަލައަކީ ގއ. ވިލިނގިލި، މުހައްމަދު ޝިހާމް (35އ) ގެ އަންހެނުން އެ ރަށު މީހަކާ ކައިވެނިކޮށްގެން ލިބިފައިވާ 3 ކުދިން ގޮވައިގެން އެރަށަށް ކުރި ދަތުރުގައި އެ ކުދިންގެ ދައްތަގެ ދަރިއަކަށް ޝިހާމް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެކެވެ.

މިކަމާ ގުޅޭގޮތުން އެކި ގޮތް ގޮތަށް ވާހަކަތައް ދައުރުވަމުން ދާއިރު މިކަމާ ގުޅިގެން ކުއްޖާގެ ބައްޕަ މުހައްމަދު މުންތައްސިރު "ދަ ޕްރެސް" އާ ވާހަކަދައްކަމުން ބުނީ އެ މީހުން (ޝިހާމް މެން) އެ ރަށަށް ދިޔައީ ހައްޖު ދުވަހު ކަމަށާއި ގެސްޓް ހައުސްއެއްގައި ތިބި ނަމަވެސް ކައްކާ ކައި ހެދީ އެ ގެއިން (ކުއްޖާ އިންނަ ގެ) ކަމަށެވެ. އަދި ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި ޝައްކުކުރެވޭ ފަދަ ކަމެއްވެސް ނުހިނގާ ކަމަށް މުންތައްސިރު ބުންޏެވެ.

އެ ދުވަހު ކަން ހިނގާ ދިޔައީ ކިހިނެއް؟

އެ ދުވަހު ކަން ހިނގާ ދިޔަ ގޮތް ކިޔައިދެމުން މުންތައްސިރު ބުނީ އޭނާ ދިޔައީ ދަރިފުޅަށް ކާން ހަދާފައި ބަނދަރަށް މަސައްކަތެއް ކުރަން ކަމަށާއި ކުއްޖާގެ މަންމަ ދިޔައީ އީދު ތެރޭގައި އޮތް ބަށި މުބާރާތެއްގެ ޓީމަކާ ހަވާލުވެ އުޅޭތީ އެތަނަށް ކަމަށެވެ. އަދި އެ ވަގުތު ދަރިފުޅު ހުރީ ބޭރަށް ދާން ތައްޔާރުވެގެން ކަމަށް މުންތައްސިރު ވަނީ ފާހަގަ ކޮށްފައެވެ.

މުންތައްސިރު ބުނީ އޭނާ ބަނދަރުގައި ހުއްޓާ އޭނާގެ ކޮއްކޮ ގުޅާ، މުންތައްސިރު ހުރި ތަނެއް އޮޅުންފިލުވުމަށް ފަހު އެތަނަށް އައިސް ގޭގައި ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ދިން ކަމަށެވެ. އަދި ކޮއްކޮއަށް އެ މައުލޫމާތު ލިބުނީ ކޮއްކޮގެ ދަރިފުޅުގެ ފަރާތުން ކަމަށް މުންތައްސިރު ފާހަގަ ކުރެއެވެ.

"ކޮއްކޮ ގުޅާފަ ބުނީ ގޭ ތެރޭގައި ކަމެއް ހިނގައިގެން އެބަ އުޅެއޭ ކޮންތާކުހޭ ތިހުރީ ބުނީމަ އަޅުގަނޑު ބުނިން ބަނދަރުގައޭ މިހުރީ. ބުނީމަ އައިސް ބުނީ އެބަ އުޅެއޭ ކަމެއް ހިނގައިގެން ހިނގާބަލާށޭ ދާން"
ކުއްޖާގެ ބައްޕަ

މުންތައްސިރު ބުނީ އޭނާ ގެއަށް ދިޔައީ ބަނދަރުގައި ހުއްޓާ އަންހެނުންވެސް ގޮވައިގެން ކަމަށާއި ގޭ ކައިރިއަށް މަޑުކުރުމަށް ފަހު ކުއްޖާ ކައިރީ ވީ ގޮތެއް އޮޅުން ފިލުވުމަށް އެހި ކަމަށެވެ. ދެން ކުއްޖާ ގޮވައިގެން ގޭ ކައިރިން މީހެއްގެ ހިލަމެއް (އެވަގުތު ގެއަށް ވަދެ ނިކުތް ކަމަށް ބެލެވޭ މީހެއް) ވޭތޯ ބަލަން ދިޔަ ކަމަށް މުންތައްސިރު ބުންޏެވެ.

ކ. ދިއްފުށި

އޭނާ ބުނީ އެވަގުތު ގޭ ކައިރި ފިހާރައެއްގައި ޝިހާމް ހުރިތަން ފެނުނު ކަމަށާއި ކުއްޖާ ގޮވައިގެން ގޮސް ބޭރުގައި މަޑުކޮށްލި ވަގުތު ބިއްލޫރި ގަނޑުން ކުއްޖާއަށް ޝިހާމް ފެނުމާއެކު ރޯން ފެށި ކަމަށެވެ. އަދި އެކަން ކުރީ ޝިހާމް ކަމަށް ކުއްޖާ ބުނުމުން ފިހާރައިން ޝިހާމް ނެރެ، ވަރަށް ޔަގީންކޮށްފައި ބުނާށޭ ބުނުމުންވެސް ކުއްޖާ އެކަން ކުރީ ޝިހާމް ކަމަށް ބުނި ކަމަށް މުންތައްސިރު ވަނީ ބުނެފައެވެ. އެހެންނަމަވެސް ޝިހާމް އެކަމަށް އިންކާރު ކުރި ކަމަށާއި އިތުރަށް ޔަގީން ކުރުމަށް ގެއަށް ގޮސް ގޯތި ތެރޭގަ ހުރި ޖޯއްޔެއްގައި ހަވީރުން ސުރެ އިން ކުއްޖާގެ މާމައާ ސުވާލުކުރުމުން ޝިހާމް ކުޑައިރުކޮޅެއް ކުރިން ބަދިގޭގައި އެއްޗެއް ކާން ހުއްޓާ ފެނުނު ކަމަށް މާމަ ބުނެފައިވާ ކަމަށް މުންތައްސިރު ކިޔައިދިނެވެ.

ދަރިފުޅު ކިޔައިދިން ވާހަކަތައް ހިއްސާކުރަމުން މުންތައްސިރު ބުނީ އެ ކުއްޖާ ކޮޓަރިން ނިކުތީ ކާން ވެގެން ކަމަށާއި އެ ވަގުތު ޝިހާމް ބަދިގެ ތެރޭގައި ހުރި ކަމަށް ބުނި ކަމަށެވެ. އަދި ބަދިގެއިން ކުއްޖާ ކޮޓަރިއަށް ވަންނަން ދިޔަ ވަގުތު އޭނާގެ ފަހަތުން ޝިހާމް ދިޔަ ކަމަށާއި ދަރިފުޅު ފުރަތަމަ ހީކުރީ ޝިހާމް ދިޔައީ ފާހާނާއަށް ވަންނަން ކަމަށެވެ.

މުންތައްސިރު ބުނީ ޝިހާމް ކޮޓަރިއަށް ވަދެގެން ދަމުން ފުރަތަމަ ކުރި ކަމަކީ ކުއްޖާގެ ގައިގައި ޖެހިލީ ކަމަށާއި ދަރިފުޅު އެއް ފަރާތަށް ޖެހިލުމުން ފާހާނަ ތެރެއަށް ދަރިފުޅު ކޮއްޕާލައި ޝިހާމް އަށް ކުރެވުނު ކަމެއް ކުރީ ކަމަށެވެ.

"ފުރަތަމަ ވަދެގެން ދަމުން ގައިގަ ޖެހިލިއްޔޯ ޖެހިލީމަ ދަރި ހީކުރީމޯ އޭނަ އެދަނީ ފާހާނާއަށެ، އެއް ފަރާތްވީމަ ފާހާނަ ތެރެއަށް ކޮއްޕާލިއްޔޯ. ކޮއްޕާލާފަ އޭނާ އަށް ކުރެވުނު ކަމެއް ކުރީ. އޭނާއަށް ކުރެވުނު ކަމެއް ވިއްޔާ ކޮށްފަ. ތަންތަނުގައި ވަކިވެސް އެޅިފަ ހުރީ"
ކުއްޖާގެ ބައްޕަ

މުންތައްސިރު ބުނީ ކުއްޖާގެ ގައިގެ އެތައް ތަނެއް ހުރީ ރަތްވެފައި ކަމަށާއި މޭމަތިގައިވެސް ނިޔަފަތި އެޅިފައި ހުރި ތަންތަންވެސް ހުރި ކަމަށެވެ. އަދި ކުއްޖާ ދޮންނަ މެޝިނަކާއި ފާރާ ދޭތެރެއަށް ލާ ފިއްތާލާފައި ހުރުމުން ސަލާމަތް ވެވުނީ ވަރަށް މަސައްކަތުން ކަމަށް ބުނި ކަމަށްވެސް ކިޔައިދިނެވެ. ދެން އެއަށް ފަހު ކުއްޖާ ހުރީ އައިސްއަލަމާރި ފުރަގަހަށް ވަދެ ފިލާ ކަން ފާހަގަކުރަމުން މުންތައްސިރު ބުނީ ކުއްޖާ އެ ވާހަކަތައް ހިއްސާކުރީ ކޮއްކޮގެ ދަރިއަކާ ކަމަށެވެ.

މައްސަލަ ހޫނުވެ ދެން ވީ ކިހިނެއް؟

އެ މައްސަލައިގެ ވާހަކަތައް ދައުރުވެ ރަށު މީހުން އެއްވި އިރު، އޭގެ ތެރޭގައި އެކި ހިޔާލުގެ މީހުން ތިބުމުން އެ މައްސަލަ އިތުރަށް ހޫނުވެގެން ދިޔަ ކަމަށް މުންތައްސިރު ބުންޏެވެ. އަދި ކުއްޖާގެ މަންމަ، އެ ކުއްޖާ ގޮވައިގެން ސިއްހީ މަރުކަޒަށް ގޮސް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމާބެހޭ ފަރާތްތަކަށް އެންގުމުން ޖެންޑާ މިނިސްޓްރީ އާއޮ ފޮރެންސިކް މީހުންނަށް އާދެވުނީ އޭގެ އަނެއް ރޭ ކަމަށް މުންތައްސިރު ބުންޏެވެ.

މައްސަލަ ހޫނުވެ ހިނގި ހަމަ ނުޖެހުމާ ގުޅިގެން އަދި ކުއްޖާގެ އާއިލާ މީހުންނަށް ލިބެމުންދާ އިންޒާރުގެ ސަބަބުން ކުއްޖާ ވަނީ އޭނާގެ އާއިލާ ކުދިން ކައިރީ "އެކަންތައް ސިއްރުކުރެވުނު ނަމަ ކިހާ ރަނގަޅު ވީހޭ" އަދި "އަޅުގަނޑު މަރުވުން ކަހަލައޭ، ސިކުނޑިއަށް ކެތްވާ ވަރެއް ނޫނޭ" ބުނެފައި ކަމަށް މުންތައްސިރު ފާހަގަ ކުރިއެވެ.

މުންތައްސިރު ބުނީ އެ މައްސަލައާ ގުޅިގެން ތަފާތު ތުހުމަތުތައް ކުރަމުން ދާއިރު އެކަމަކީ ޑްރާމާއެއް ނުވަތަ ގޭމެކޭވެސް ކިޔާ ކަމަށާއި އެހެންނަމަވެސް އޭނާ ބުނީ އެއްވެސް ކުއްޖެއްގެ ބައްޕައެއް ނުވަތަ މަންމައެއް އަމިއްލަ ދަރި ބޭނުން ކޮށްގެން އެފަދަ ކަމެއް ނުކުރާނެ ކަމަށްވެ.

އަނިޔާ ކުރި މީހާ ބިންމައްޗަށް ވައްޓާލާފައި އާންމުންގެ ބަޔަކު ކައިރީގައި ހަރަކާތްތެރި ވަނީ

އެ މައްސަލާގައި ތުހުމަތުވާ ޝިހާމް އަށް ދިއްފުށީ ގިނަ ބަޔަކު އެއްވެ އަނިޔާތަކެއް ކޮށްފައި ވާއިރު އެލްބޯ (އުޅަނބޮށި ހުޅު) ގައި ރެނދުލާ، ސިކުނޑީގެ ދެތަނަކުން ލޭ ލީކުވާ ކަމަށާއި އެކަން އެހެންވެފައި ވަނީ ގަސް އިންދާ ސިމެންތި ޕޮޓަކުން ތެޅުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައި އޭނާގެ އާއިލާއިން ބުނެއެވެ. އަދި އަނގައިގެ 16 ތަނެއް ޒަހަމް ވެފައި ވާ ކަމަށާއި ގައިގެ ތަންތަނުން ކަނޑައިގެން ގޮސްފައި ވާއިރު ބޭރު ފުށުން ބައެއް އަނިޔާތައް ފެންނަން ވެސް ހުއްޓެވެ.

ޝިހާމް ދީފައި އޮތް ވީޑިއޯ އިންޓަވިއުގައި އޭނާ ބުނިގޮތުގައި، އެ ފިހާރައިން ފެށިގެން އޭނާއަށް އަނިޔާ ކުރަމުން ކުރަމުން ގޮސް ރަށުގެ ސިއްހީ މަޒުކަޒަށް ވަނީމައިވެސް 3 ފަހަރަށް ނެރެ ތަޅާ އަނިޔާ ކުރިއެވެ. އަކަމުގައި ރަށުގެ ބައެއް އާންމުން ޝާމިލްވި އިރު، ފުލުހުން ބުނީ އެކަން ކޮންޓްރޯލް ކުރަން އުޅުނު އުފުލުހުންނަށްވެސް އޭގެތެރެއިން މީހުން ހަމަލާ ދިން ކަމަށެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޗައިލްޑް ފެމިލީ ޕްރޮޓެކްޝަން ޝާވިސް އިން ބުނީ 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ލިބުނު ކަމަށް ރިޕޯޓު ކުރި މައްސަލައެއްގައި އެ ސާވިސްގެ ފަރާތުން ފުލުހުންނާއެކު ދަތުރުކޮށް ކުއްޖާގެ ބަޔާން ނެގުމުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި ކުއްޖާ އާއި އާއިލާއަށް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދީފައި ވާ ކަމަށް ބުނި ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް ވިދާޅުވީ ދިއްފުށީ ކައުންސިލަށް ވަރަށް ބައިވަރު ތުހުމަތުވެސް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ކައުންސިލުން އެކަން (ހަމަނުޖެހުން) ހުއްޓުވަން ކުރެވުނު ހުރިހާ ކަމެއް ކުރި ކަމަށެވެ. އަދި އެއީ އިންސާފުވެރި ގޮތް ނޫން ކަމަށްވެސް ރައްޔިތުންނަށް ކިޔައިދެމުން ދިޔަ ކަމަށާއި މަރުކަޒަށްވެސް އެމީހުން ނުވައްދަން ވަރަށް މަސައްކަތް ކުރި ކަމަށް ސުނިލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުން ވަނީ އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި ފުލުހުން ބުނީ، ޖިންސީ ގޯނާގެ މައްސަލައިގެ އިތުރުން އެކަމާ ގުޅިގެން ކ. ދިއްފުށީގައި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުމާ ގުޅޭ މައްސަލަތައް ވެސް ބަލާ ތަހުގީގު ކުރަމުން ދާ ކަމަށެވެ.