އަޟްހާ އީދު ފާހަގަކުރުމަށް ގިނަ ބަޔަކު ފުރަ މާލެ ދޫކޮށް ކައިރި ރަށްތަކަށް ގޮސްފައިވާ ދުވަސްވަރެއްގައި، އީދުގެ ފޯރި ގަދަވެފައި ވަނިކޮށް އިވިގެން ދިޔައީ ގިނަ ބަޔަކު ސިއްސުވާލި ވާހަކަތަކެކެވެ. ކ. ދިއްފުށީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކަށް އަނިޔާކުރި ވާހަކަތަކާއެކު ބައެއްގެ އިހުމާލުތަކުގެ ސަބަބުން އެ މީހާއަށް ލިބިފައިވާ އަނިޔާތަކުން އިތުރަށް ސިހުން ގެނުވިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކެއް ކޮށް އަނިޔާކޮށްފައިވާ ގއ. ވިލިނގިއްޔަށް ނިސްބަތްވާ މުހައްމަދު ޝިހާމް (35އ) ގެ ކޮއްކޮ ޝިފާޒް ޝައްމޫން "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ބުނީ، ޝިހާމް އެ ރަށަށް ދިޔައީ އޭނާގެ އަންހެނުން އެ ރަށު މީހަކާ ކައިވެނިކޮށްގެން ލިބިފައިވާ 3 ކުދިން ގޮވައިގެން، އެ ކުދިންގެ ދައްތަ ދިން ދައުވަތަކަށް ކަމަށެވެ. އަދި އެ މީހުން ތިބީ ގެސްޓު ހައުސްއެއްގައި ކަމަށާއި ކައިބޮއެ ހެދީ އެ ދައްތަމެން ގެއިން ކަމަށް ޝިފާޒް ކިޔައިދިނެވެ. ޝިފާޒް ބުނީ، ޝިހާމް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އެ މީހުން (އަނިޔާ ކުރި މީހުން) ކުރަނީ އެ ދައްތަމެން ގޭ ކުއްޖަކަށް ކަމަށެވެ.

ޝިފާޒް ބުނީ އެ މީހުންގެ މެދުގައި މައްސަލައެއް ޖެހިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށާއި މި މަހު 11 ވަނަ ދުވަހު ދަރިންގެ ހަރަދާ ގުޅިގެން ދެކެވުނު ވާހަކައެއްގައި ލަދުގަންނަވާލާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

14 ވަނަ ދުވަސް - އަނިޔާ އާ ކުރިމަތިވި

މި މަހުގެ 14 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ލިބުނު އަނިޔާތަކަށް އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަ ޝިހާމް ވަނީ އެ ރޭ ކަން ހިނގާ ދިޔަ ގޮތް ކިޔައިދީފައެވެ. ޝިހާމް ބުނީ ފިހާރައެއްގެ ތެރޭގައި ހުއްޓާ ދަމާ ނެރެ، ތަޅަން ފެށުމުން ވެެގެން އުޅޭ ގޮތެއް އެހި ކަމަށާއި އެ ގޭ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ތުހުމަތުތަކެއް ކުރަން ފެށުމުން އެކަމަށް އިންކާރު ކުރި ކަމަށެވެ.

އަނިޔާ ކުރި މީހާ ބިންމައްޗަށް ވައްޓާލާފައި އާންމުންގެ ބަޔަކު ކައިރީގައި ހަރަކާތްތެރި ވަނީ

މަގުމައްޗަށް ނެރެ ތަޅަން ފެށުމުން ސަލާމަތްވުމުގެ ފުރުސަތެއް ނުލިބި ރަށުގެ ގިނަ ބަޔަކު ޝިހާމް ވަށާލިކަން ފާހަގަކުރަމުން އޭނާ ބުނީ އެކަމަކީ އަންހެނުންގެ ކުރީގެ ފިރިމީހާގެ އާއިލާގެ މީހުން ކުރި ކަމެއް ކަމަށެވެ. އަދި ތަޅަމުން ތަޅަމުން ހޮސްޕިޓަލާ ހިސާބަށް ގެންގޮސްފައި ހޮސްޕިޓަލް ތެރެއަށް ވައްދާ، އެ ކަމަކީ ޝިހާމް ކުރި ކަމެއް ކަމަށް އެއްބަސްވުމަށް ބުނި ކަމަށާއި އެކަމަށް އެއްބަސް ނުވެއްޖެނަމަ މަރާލާނެ ކަމުގެ އިންޒާރުތައްވެސް ދީފައިވާ ކަމަށް ޝިހާމް ކިޔައިދިނެވެ. އަދި އެކަމަކީ ޝިހާމް ކުރި ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ބުނުމުން ހޮސްޕިޓަލުން ބޭރަށް ނެރެ އަނެއްކާ ތަޅަން ފެށި ކަމަށާއި އޭރު ހޮސްޕިޓަލުގެ މުވައްޒަފުންނާއި ޑޮކްޓަރުންވެސް އެތާ ތިބި ކަމަށް ޝިހާމް ބުނިއެވެ.

ފުލުހުންގެ 3 މީހަކު އައިސް އިރުކޮޅަކަށް އެމީހުން ކޮންޓްރޯލް ކުރިކަން ފާހަގަކުރަމުން ޝިހާމް ވަނީ އެތަނުގައި ހުރި ޕޮލިސް ސާޖެންޓެއް ދެއްކި ކަމަށް ބުނާ ވާހަކަތައްވެސް ކިޔައިދީފައެވެ.

"3 ވަނަ ފަހަރަށް ހޮސްޕިޓަލުން ބޭރަށް ނެރެފަ އެތެރެއަށް ވައްދާފަ އެތާހުރި ޕޮލިސް ސާޖެންޓެއް، ހުރީ ނޭނގެ ކޮންރަށެއްގެ މީހެއް ކަމެއް. ވަރަށް ހަށިގަނޑުން ބޮޑު މީހެއް، އޭނަ ބުނީ ކަލޭ ހީނުކުރަންޗޭ ތިހެން ބޭނުންހާ ގޮތެއް ހެދޭނެ ކަމަށް، ތިމަންނަމެންގެ ހިސާބޭ މީ ތިމަންނަމެންގެ ސަރަހައްދޭ މީ މިރަށުން ކަލޭ ދާނީ ސްޓްރެޗާއެއްގައޭ. އެ ގޮތަށް ގެންދިޔައީވެސް. ދާނީވެސް ތިމަންނަމެންގެ އަތްދަށަށޭ. ހޭ އަރުވާލާނަމޭ. މީ އަހަންނަށް ހިމާޔަތްދޭން އައި މީހާގެ ވާހަކަ ހުރި ގޮތް."
ޝިހާމް

އާއިލާ މީހަކަށް ގުޅަން އެދުމުން އެހެން ފުލުހަކު އެކަމާ ދެކޮޅު ހެދި ކަމަށާއި އެ ފުލުސް މީހާ ބުނަމުން ދިޔައީ "ކަލޭގެ ހާލު ކަލެއަށް ވެފަ ހުރި ވަރު ކަލެއަށް އެނގެއެއް ނޫންހޭ ފޯނު ބާއްވާށޭ ނުގުޅޭނެ" ކަމަށް ޝިހާމް ކިޔައިދިނެވެ.

އޭގެ ފަހުން ކަން ހިނގާ ދިޔަ ގޮތް ކިޔައިދެމުން ޝިހާމް ބުނީ ދެން އައި މީހުން ފުލުހުނަށް ބެލުމެއް ނެތި ހޮސްޕިޓަލަށް ވަދެ، ލައިޓް ނިއްވާފައި އޭނާ ދަމާފައި ގެންގޮސް މަގުމައްޗަށް ނެރެ ތަޅަމުން ތަޅަމުން ގޮސް ހޭ ނެތުނު އިރުވެސް ތެޅި ކަމަށެވެ. އަދި ހޭނެތިފައު ވީ ކިހާއިރެއް ކަމެއް ނޭނގުނު ނަމަވެސް ހޭވެރިކަން ވީއިރުވެސް ތަޅަމުން ދިޔަ ކަމަށާއި ތެޅުން ހުއްޓާލީ މަރުވެދާނެއޭ ހުއްޓާލާށޭ މީހަކު ބުނުމުން ކަމަށް ޝިހާމް ބުންޏެވެ.

ޝިހާމް ކަންތައްތައް ވީ ގޮތް ކިޔައިދެނީ---

ފަރުވާ އެއް ލިބެން ފެށުން

ފަރުވާއެއް ލިބެން ފެށީ ތަޅަން ފެށިތާ 3 ގަޑިއިރު ފަހުން ކަމަށާއި އޭރު އެއްވެސް ހަރަކާތެއް ނެތް ކަމަށް ޝިހާމް ފާހަގަކުރިއެވެ. ފަރުވާ ދޭން ފެށިތާ މާ ގިނަ އިރެއް ނުވެ މާލެއިން ދިޔަ ފުލުހުން، އަންހެނުންނާއި ދަރިންނަށް ހިމާޔަތްދީގެން މާލެ ގެންދިޔަ ކަމަށް ޝިހާމް ބުނިއެވެ.

އޭނާގެ ކޮއްކޮ ޝިފާޒް ބުނީ އެ ރޭ މާލެއިން ދިއްފުއްޓަށް އެސްއޯ ފުލުހުން ފޮނުވީ ގއ. ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރު މެދުވެރިކޮށް ސީޕީ މުހައްމަދު ހަމީދަށް ގުޅައިގެން ކަމަށެވެ. އަދި އާއިލާއަށް ހަބަރު ލިބުނީ ޝިހާމް މަރުވެފައި ވާކަމަށާއި ޝިފާޒް ބުނީ އެސްސޯ ފޮނުވަން މަސައްކަތް ކުރީވެސް ހަށިގަނޑުވެސް ކޮށާލައި ވަޅުލައި ނޫނީ ކަނޑަށްވެސް އުކާލަފާނެތީ ކަމަށެވެ.

"އަޅުގަނޑަށް ހަބަރު ލިބުނު ގޮތުގައި އޭނަ މަރުވެއްޖެ އެސްސޯ ފޮނުވީ އޭނާ ހަށިގަނޑުވެސް ކޮށާލަފާނެތީ ކޮށާލާފަ ވަޅުލަފާނެތީ ނޫނީ ކަނޑަށް އުކާލަފާނެތީ ، އޭނާ މޫނު ބަލަން ބޭނުންވާތީ އޭނާ ހަށިގަނޑު ބަލާ ފޮނުވީ އޭރު ބައްޕަމެން ރަށު އެންމެންނަށް ގުޅާފަ ބުނެފި އޭނަ މަރުވެއްޖެއޭ އޭނާ މޫނު ބަލަން އަންނާށޭ އޭނާ ހަށިގަނޑު ގެންނާނެ އޭ ހެނދުނަށް އާއިލާގެ އެންމެން ވެސް އައިސްފަ ތިބީ ހެނދުނު"
ޝިފާޒް

ލިބިފައި ހުރި އަނިޔާތައް

ޝިހާމްއަށް ލިބިފައިވާ އަނިޔާތަކުގެ މައުލޫމާތު ހިއްސާކުރަމުން ޝިފާޒް ބުނީ އެލްބޯ (އުޅަނބޮށި ހުޅު) ގައި ރެދުލާ، ސިކުނޑީގެ ދެތަނަކުން ލޭ ލީކުވާ ކަމަށާއި އެކަން އެހެންވެފައި ވަނީ ގަސް އިންދާ ސިމެންތި ޕޮޓަކުން ތެޅުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށޭވެ. އަދި އަނގައިގެ 16 ތަނެއް ޒަހަމް ވެފައި ވާ ކަމަށާއި ގައިގެ ތަންތަނުން ކަނޑައިގެން ގޮސްފައިވާ ކަމަށެވެ.

ބޭރު ފުށުން ބައެއް އަނިޔާތައް ފެންނަން ހުރި އިރު، ލޯމަތިވެސް ވަނީ ފެޅިފައެވެ.

"ދަ ޕްރެސް" މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިހާމްގެ ހާލު މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. ޝިހާމް އަށް ލިބިފައިވާ އިތުރު އަނިޔާތައް ކޮންމެ ދެ ދުވަހަކުން ކުރަމުންދާ ސްކޭނުން އެނގެމުން ދާ ކަމަށް އާއިލާއިން ބުނެއެވެ.

ނިއުޅެމުން ދާ ކަންކަން

ޝިހާމްއަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި ގއ. ވިލިނގިލީގައި މިއަދު ވަނީ އިހުތިޖާޖެއް ވެސް ކޮށްފައެވެ.

މިކަމާ ގުޅިގެން ޗައިލްޑް ފެމިލީ ޕްރޮޓެކްޝަން ޝާވިސް އިން ބުނީ 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ލިބުނު ކަމަށް ރިޕޯޓު ކުރި މައްސަލައެއްގައި އެ ސާވިސްގެ ފަރާތުން ފުލުހުންނާއެކު ދަތުރުކޮށް ކުއްޖާގެ ބަޔާން ނެގުމުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި ކުއްޖާ އާއި އާއިލާއަށް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދެވިފައި ވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަދައްކަމުން ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް ވިދާޅުވީ ދިއްފުށީ ކައުންސިލަށް ވަރަށް ބައިވަރު ތުހުމަތުވެސް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ކައުންސިލުން އެކަން ހުއްޓުވަން ކުރެވުނު ހުރިހާ ކަމެއް ކުރި ކަމަށެވެ. އަދި އެއީ އިންސާފުވެރި ގޮތް ނޫން ކަމަށްވެސް ރައްޔިތުންނަށް ކިޔައިދެމުން ދިޔަ ކަމަށާއި މަރުކަޒަށްވެސް ނުވައްދަން ވަރަށް މަސައްކަތް ކުރި ކަމަށް ސުނިލް ވިދާޅުވިއެވެ.

ސުނިލް ވިދާޅުވީ ފުލުހުންވެސް ވަރަށް މަސައްކަތް ކުރި ކަމަށާޢި ފުލުހަށްވެސް ކޮންޓްރޯލް ނުވާ ހިސާބަށް ދިޔަ ކަމަށެވެ. އަދި އެކަން ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހުންނަށް އަދި ކައުންސިލްގެ ބައެއް މެންބަރުންނަށްވެސް އަނިޔާވި ކަމަށް ސުނިލް ފާހަގަ ކުރެއްވިއެވެ.

ސުނިލް އިތުރަށް ވިދާޅުވީ ކުޑަކުއްޖާގެ މައްސަލަ ޖެންޑާއާއި ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ބުނީ، ޝިހާމަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ފުލުހުންގެ ޓީމުގެ ތެރޭގައި ހިމެނޭ ފުލުހަކު، އޭނާގެ ދައުރު އަދާ ކުރުމުގައި އިހުމާލުވެ، އަހުލާގީ މިންގަނޑުން ބޭރުން އަމަލުތައް ބަހައްޓާފައިވާ ކަމަށް ތުހުމަތުކޮށްފައި ވާތީ، އެކަމާ ގުޅިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އެ ފުލުހުގެ މައްސަލަ ބަލަމުންދާ ކަމަށެވެ.