ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ބުނީ މިރޭ 8:00 ހާއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރާ ދެ މުވައްޒަފުން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަ ހަތިޔާރެއް ކަމެއް ނުބުނެއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާވީ މީހާއަށް ހަނިމާދޫ ހެލްތް ސެންޓާގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.