އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް މަރުވެއްޖެއެވެ.

އެ ޒުވާނާ ދާދި ދެންމެއަކު މަރުވެފައި ވާކަން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު، ސާފީ މުހައްމަދު ހުސައިން ވަނީ "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދީފައެވެ.

ޝާފީ ވިދާޅުވީ އެ ހޮސްޕިޓަލަށް އެ ޒުވާނާ ގެންގޮސްފާ ވަނީ ރޭ ގެ ވަގުތެއްގައި ތޫނު އެއްޗަކުން ލިބިފައިވާ އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ.

އެ ޒުވާނާއަށް އައިސީޔޫގައި ފަރުވާ ދީފައިވާއިރު ބޮޑަށް އަނިޔާ ލިބިފައިވަނީ ބުރަކަށްޓާއި އަތުގެ މުލަށްދަނޑިއަށް ކަން ފާހަގަކުރައްވާ ސާފީ ވިދާޅުވީ އެތަން ތަނަށް ވަރަށް ފުންކޮށް އަނިޔާ ލިބިފައިވާ ކަމަށެވެ.

"ބޮޑަށް ފުންކޮށް އަނިޔާވެފައި ހުރީ ބުރައްކަޓަށާ އަތުގެ މުލައްދަނޑި ކަހަލަ ތަންތަނަށް"
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސާ، ސާފީ މުހައްމަދު ހުސައިން

މިކަމާ ގުޅިގެން ފުލުހުން ބުނީ ރޭ ދަންވަރު 3:10 ހާއިރު އައްޑޫ ސިޓީ ފޭދޫގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައި ވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މާރާމާރީގައި 21 އަހަރުގެ ޒުވާން ފިރިހެނަކަށް އަނިޔާ ވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.