އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރި އިތުރު ދެ މީހުންވެސް ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްފައި ވަނީ 30 އަހަރުގެ ފިރިހެނަކަށެވެ.
އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހައްޔަރު ކުރި 4 މީހުންނަކީ އުމުރުން 18 އަހަރުގެ މީހަކާ، 19 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރު އަދި 23 އަހަރުގެ މީހެކެވެ. އެ މީހުން ޝަރީއަތް ނިމެންދެން ވަނީ ބަންދު ކޮށްފައެވެ.
އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީ އާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ސިޓީއަށް ވަނީ ފޮނުވާފައެވެ. އެހެންނަމަވެސް އޭގެ ފަހުން އާދިއްތަ ދުވަހުގެ މެންދުރުފަހު 3:30 ހާއިރުވެސް އެ ސިޓީގައި މާރާމާރީއެއް ވަނީ ހިނގާފައެވެ. އެ މާރާމާރީގައި 20 އަހަރުގެ ޒުވާނަކަށް ވަނީ އަނިޔާވެފައެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި 23 އަހަރު ފިރިހެނަކު ހައްޔަރު ކޮށްފައި ވާއިރު އިއްޔެގެ ވަގުތެއްގައި ވެސް 23 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުބކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.