ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ "ވިނަރެސް" ފްލެޓް ގަންނަން ބޭނުންވާ މީހުން ފޯމު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ވިނަރެސް މަޝްރޫއު އިން އެޕާޓްމަންޓް ގަތުމަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާޅާފައިވާ ކަމަށެވެ.

މިގޮތުން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު 15 އާ ހަމައަށް އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ފްލެޓަށް އެދި އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށާއި އޮންލައިން ޕޯޓަލަށް ލޮގިން ކުރެވޭނީ އީ-ފާސް މެދުވެރިކޮށް ކަމަށެވެ.

ގާތްގަނޑަކަށް 900 އަކަފޫޓު ބޮޑުމިން ހުންނަ ވިނަރެސް ފްލެޓްތައް ތަފާތު ދެ ގޮތަކަށް ގަތުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފައެވެ. އެއް ގޮތަކީ ފްލެޓްގެ އަގުގެ 15 ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުމެވެ. ދެވަނަ ގޮތަކީ 20 ޕަސެންޓް ދައްކައިގެން އެޕާޓްމަންޓްގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

ފުރަތަމަ އޮޕްޝަނުގައިވާ ގޮތަށް ކުލި 20 އަހަރަށް ބަހާލުމުން ކޮންމެ އެޕާޓްމަންޓަކަށް ވެސް 19،000 ރުފިޔާއާއި 23،000 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހެއެވެ. ދެވަނަ އޮޕްޝަނުގައިވާ ގޮތަށް ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް، 25 އަހަރަށް ބަހާލައިގެން ދެއްކުމުން އެވްރެޖުކޮށް މަހަކު 16،700 ރުފިޔާ އާއި 20،500 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހެއެވެ.

ވިނަރެސްގެ ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓްގެ ތެރެއިން ގާތްގަނޑަކަށް 1،000 ފްލެޓް ހުޅުވާލަނީ މާލޭގެ ރަށްވެހިންނަށެވެ. ދެން ހުރި ފްލެޓްތަކުން ގުޅިފަޅާއި ސީ ލައިފުން ފްލެޓް ގަތް މީހުންނަށާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ހާއްސަކޮށް 100 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.