ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރި ރަސްމީކޮށް ހުޅުވަން ވާ އިރަށް އެ ރަށަށް އެޗްޑީސީގެ މުވައްޒަފުން ފީލްޑް ޓްރިޕެއް ގޮސް ރަށް ފެހިކުރުމަށް ގަސް އިންދައިފިއެވެ.

އެޗްޑީސީން ބުނީ، ތިމާވެށި ބަދަލު ކުރުމަށްޓަކައި، އެ ކޯޕަރޭޝަންގެ ސްޓާފުންނާއި މެނޭޖްމަންޓުން މިއަދު ކުޑަގިރިއަށް ފީލްޑް ޓްރިޕެއް ދިޔަ ކަމަށެވެ. އެ ރަށް ރަސްމީކޮށް ހުޅުވަން ތައްޔާރުވުމުގެ ގޮތުން ކުލަ ލުމުގެ އިތުރުން ގަސް އިންދުމާއި، ސާފުކުރުމުގެ މަސައްކަތައް އެ ފީލްޑް ޓްރިޕްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވަން ތައްޔާރު ވުމުގެ ގޮތުން އެޗްޑީސީގެ މުއައްޒަފުން ކުލަ ލަނީ

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން ތަރައްގީކުރާ ކުޑަގިރީގައި މި މަހުގެ 10 ވަނަ ދުވަހު ވެސް ވަނީ އެޗްޑީސީން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

އަންނަ މަހު ޕިކްނިކް އައިލެންޑް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ރަށުގައި މަގުބައްތި ޖެހުމާއި ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމަށް ސްޓެލްކޯއާ ހަވާލުކޮށްފައި ވާއިރު އެ ރަށުގައި ކަރަންޓު ނެޓްވޯކް ގާއިމް ކުރުމަށްޓަކައި ޖުމްލަ 3000 މީޓަރުގެ ކޭބަލް ވަޅުލުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކުޑަގިރީގައި 150 މީހުންގެ ޖާގައިގެ މިސްކިތެއްވެސް އަޅާނެއެވެ. މި މިސްކުތަކީ ފެނަކަ ކޯޕަރޭޝަންގެ އެހީގައި އަޅާ މިސްކިތެކެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑް އޮންނަނީ މާލެއާ 10.5 ކިލޯމީޓަރު ދުރުމިނުގައެވެ.