"އެއް ގައުމެއް 2 ނިޒާމެއް" މޮޑެލްގެ ދަށުން ހޮންގްކޮންގްގައި ހިންގަމުންދާ ވެރިކަމުގެ ސަބަބުން އެ ސިޓީގެ ހިމާޔަތާއި ރައްކާތެރިކަމަށް ފައިދާ ކޮށްފައި ވާ ކަމަށާ، ދުރު ރާސްތާގައިވެސް އެކަން އެ ގޮތުގައި ކުރިއަށް ގެންދަން ޖެހޭ ކަމަށް ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވިދާޅުވެއްޖެއެވެ.

މި ދަނޑިވަޅަކީ އިނގިރޭސިންގެ ބާރުގައި ދަށުގައި އޮތުމަށް ފަހު ޗައިނާއާ ހޮންގްކޮންގް ހަވާލު ކުރިތާ 25 އަހަރު ފުރުން ފާހަގަ ކުރުމުގެ ކުލަގަދަ މުނާސަބާ، ޗައިނާއިން ފާހަގަ ކުރަމުންދާ ދަނޑިވަޅެކެވެ.

ހޮންގްކޮންގްގައި ޗައިނާއިން ކުރަމުންދާ ވެރިކަން ދިފާއު ކުރައްވާ ޝީ ވާހަކަފުޅު ދައްކަވާފައި ވާ އިރު، އެ މައްސަލާގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިއުން، ޗައިނާއަށް ދަނީ އަމާޒު ވަމުންނެވެ.

"އެއް ގައުމެއް 2 ނިޒާމް"ގެ ދަށުން، ފުޅާ ދާއިރާއެއްގައި ހޮންގްކޮންގްއަށް މިނިވަން ބާރުތަކެއް ލިބިދޭން ޖެހެއެވެ. ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި، ޗައިނާގެ މައި ބިމުން ލިބެން ނެތް ކިތަންމެ ހައްގެއް، ހޮންގްކޮންގްއަށް ލިބެން ޖެހެއެވެ.

ނަމަވެސް ފާއިތުވެދިޔަ ކައިރި މާޒީގައި ޗައިނާގެ މައި ސަރުކާރުން ހޮންގްކޮންގް ކޮންޓްރޯލް ކުރުމަށް އާދަޔާ ހިލާފަށް މަސައްކަތް ކުރަމުން ގޮސްފައި ވާ ކަމުގެ ފާޑުކިއުންތައް، ޗައިނާއަށް ވަނީ ސިލްސިލާ ގޮތެއްގައި އަމާޒުވެފައެވެ.

"އެއް ގައުމެއް 2 ނިޒާމް" މޮޑެލް އުފަންވެގެން އައީ އިނގިރޭސީންނާއި ޗައިނާއާ ދެމެދު އެކުލަވާލި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުހުލަތު ހަމަވާން އޮތީ 2047 ވަނަ އަހަރުއެވެ. އެއީ ހޮންގްކޮންގްގެ ރަށްވެހިން، އެ ސުންގަޑިއަކާ މެދު އިންތިހާއަށް ކަންބޮޑުވާ ސުންގަޑިއެކެވެ.

ކަން އެހެން ނަމަވެސް، މިއަދު ދެއްވި ތަގުރީރުގައި ޝީ ވަނީ، "އެއް ގައުމެއް 2 ނިޒާމް" މޮޑެލްއަކީ ދިގު ދެމިގެންދާން ޖެހޭނެ ނިޒާމެއް ކަމަށް ވިދާޅުވެފައެވެ. މިއީ އެ މޮޑެލް ދިފާއު ކުރުމަށް ޗައިނާއިން މަސައްކަތް ކުރާ ކަމަށް މިހާތަނަށް ލިބުނު އެންމެ ސާފު ސިގުނަލަށް ވާ އިރު، ފާޑު ކިއާ ގިނަ ފަރާތްތަކަކުން ބުނާ ގޮތުގައި، "އެއް ގައުމެއް 2 ނިޒާމް" މިހާރުވެސް ފަރުމާ ކޮށްފައި ވަނީ ޗައިނާއަށް މަންފާ ބޮޑު ވާ ގޮތަށެވެ.

"އެއް ގައުމެއް 2 ނިޒާމް"ގެ ދަށުން ހޮންގްކޮންގްއަށް ބާރުވެރިކަމާއި މިނިވަންކަން ލިބިދޭން ޖެހުނު ނަމަވެސް، ޗައިނާއިން ދަނީ ހޮންގްކޮންގްއާ ދެކޮޅަށް ހަރުކަށި އަމުރުތަކެއް ތަންފީޒު ކުރަމުންނެވެ. އަދި ޗައިނާގެ އަމުރުތަކާ ހިލާފު ވާ ގިނަ ބަޔަކު ހިފާ، ހައްޔަރުވެސް ކުރެއެވެ. އެންމެ ފަހުން ގަވައިދަށް ގެނައި ބަދަލުގެ ދަށުން، ހޮންގްކޮންގްގެ ލީޑާޝިޕަށް ވާދަ ކުރެވޭނެ ހަމައެކަނި ބަޔަކީ ޗައިނާގެ ގައުމިއްޔަތުގެ ރޫހު އެންމެ ވަރުގަދަ މީހުން ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ޗައިނާއާ ހޮންގްކޮންގް ހަވާލު ކުރިތާ 25 އަހަރު ފުރުން ފާހަގަ ކުރުމުގެ މުނާސަބާއާ ދިމާކޮށް، ޝީ ވަނީ ހޮންގްކޮންގްއަށް ވަޑައިގެންފައެވެ. މިއީ 2017 ވަނަ އަހަރަށްފަހު ޝީ، ހޮންގްކޮންގްއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.