ހުޅުމާލެ ފޭސް 2 ގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނީ، 2021 ވަނަ އަހަރު ހުޅުމާލެ ފޭސް 2 ގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެ ސަރަހައްދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނަށް ބޭނުންވާނެ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެ ކޯޕަރޭޝަންގެ ފަރާތުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން، މިހާރު އެ ސަރަހައްދުގައި ކެފޭ/ރެސްޓޯރެންޓް، ކާބޯތަކެތި ވިއްކާ ފިހާރަތައް އަދި ކްލިނިކް ވަނީ ހުޅުވާލައިފައެވެ. އަދި މި ސަރަހައްދުގައި ސުކޫލްތަކާއި މެޑިކަލް ފެސިލިޓީތަކެއް އެޅުމަށް ވެސް ވަނީ ރާވާފައެވެ.
އެޗްޑީސީން ބުނީ، މި ސަރަހައްދުގައި 2 މެޑިކަލް ފެސިލިޓީއެއް ގާއިމް ކުރުމަށްވަނީ ހަމަޖެހިފައިވާ ކަމަށާއި އެގޮތުން، ޕްލޮޓް (KP-9) ގައި 71127.92 އަކަފޫޓުގެ މެޑިކަލް ފެސިލިޓީއެއް ގާއިމްކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ޕްލޮޓް (N5-50) ގައި 67522.01 އަކަފޫޓުގެ ފެސިލިޓީއެއް ގާއިމްކުރާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން އިތުރަށް ބުނީ، ޕްލޮޓް N5-50 އީއޯއައި އަށް ހުޅުވާލެވިފައި ވާއިރު އީއޯއައި ހުށަހަޅާ އެވޯޑްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯއިން ކޮމާޝަލް ޔުނިޓްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓްތަކުން ކްލިނިކް އަދި ސިއްހީ ހިދުމަތްދޭ ތަންތަން ކަނޑައަޅާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ، ހިޔާ ސަރަހައްދުގައި 4 ފާމަސީއަކާއި 3 ކްލިނިކެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެހެންކަމުން ފާމަސީއާއި ކްލިނިކްގެ ޖުމްލަ 7 ތަނެއް ހިޔާ ސަރަހައްދުގައި ގާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި މިހާރު އާންމުންނަށް ގަތުމަށް ހުޅުވާލެވިފައިވާ ވިނަރެސް ފްލެޓްތަކުގެ ތިރިން ވެސް ކްލިނިކް ހިންގުމަށް ޔުނިޓްތަކެއް ކަނޑައަޅާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ، މިފަދަ ގިނަ ހިދުމަތްތައް ވީހާވެސް އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެ ކޯޕަރޭޝަނުން ދަނީ ޕްލޭންތަކެއް އެކުލަވާލައި ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި ހުޅުމާލެގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.