ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ދާތީ ހުޅުމާލޭގައި ހަވާ އެރުވުމާއި އީދު ޝޯ މިފަހަރު ނުބާއްވަން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ، މި ދުވަސްވަރަކީ ކޮވިޑުގެ ޕޮޒިޓިވް ކޭސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރުވެފައިވާ ދުވަސްވަރަކަށް ވާތީ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅޭ ހަރަކާތްތައް ނުބާއްވަން ނިންމާފައިވާ ކަމަށެވެ.
މިގޮތުން އީދު ޝޯ އާއި ހަވާ އެރުވުމަކީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ފާހަގަކުރާ ހަރަކާތްތަކަކަށް ވާތީ މިފަހަރުގެ އީދު ކުޅިވަރުގެ ތެރޭގައި މި ދެ ހަރަކާތް ނޯންނާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
ރާއްޖޭގައި ކޮވިޑް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދާއިރު މިދިޔަ ހަފްތާގެ ތެރޭގައި ވެސް 1200 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިގޮތުން މިމަހު 19 އިން 25 އަށް 1202 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ހިމެނެނީ މާލެ އިން 528 މީހަކާއި އަތޮޅު ތެރެއިން 452 އަދި އެހެނިހެން ރަށްތަކާއި ރިސޯޓްތަކުން 222 މީހެކެވެ.
އެޗްޕީއޭއިން ވަނީ ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށް ފަހު، އަނެއްކާވެސް ގިނަވަމުން ދާތީ އެކަމަށް އާންމުން ސަމާލުވެ ރައްކަތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައެވެ.
ކޮވިޑްގެ އަލާމަތްތައް ފެންނަ ކަމުގައި ވަނީ ނަމަ، މި ވަގުތު ފުރަތަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. އަދި ބަލިން ރައްކާތެރިވުމަށް 3 ފޫޓުގެ ދުރުމިން ބެހެއްޓުމާއި މާސްކް އެޅުމާއި ގިނައިން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ. ބޭރުގައި އުޅޭ އިރު ވެސް ގިނަ މީހުންނާ ކޮންޓެކްޓް ނުވެ، އާންމުކޮށް ދިމާވާ އެއް ބަޔަކާ ދިމާވުމާއި، ބަބްލް ކުޑަ ކުރުމަކީ ވެސް ފަރުދީ ޒިންމާއެއްގެ ގޮތުއި ދެކެން ޖެހެއެވެ.
ކޮވިޑް ފެތުރެމުން އަންނާތީ މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް ކޮވިޑްގެ ހަތަރުވަނަ ޑޯޒް ޖަހަން އަންގާފައެވެ. އެގޮތުން ހަތަރުވަނަ ޑޯޒް ޖަހަން މިވަގުތު އަންގާފައި ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ބަލި ޖެހިގެން ނުރައްކާ ވާނެ ފަދަ ބަލިތައް ތަހައްމަލު ކުރާ ހައި ރިސްކް ކެޓަގަރީގެ މީހުންނަށެވެ. ހަމައެއާއެކު އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެސް ކޮވިޑް ވެކްސިންގެ 3 ވަނަ ޑޯޒް ޖަހަން ވެސް ވަނީ ފަށާފައެވެ.