ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ވިޔަފާރިތަކުން ތަކެތި ރައްކާކުރާ ގުދަނެއް ގާއިމްކުރުމަށް އެޗްޑީސީން ހުޅުވާލައިފިއެވެ.

"ވެއާހައުސް ޝެލް 4" ގާއިމްކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދެވެ.

އެޗްޑީސީން ފޮނުވި ނޫސްބަޔާނެއްގައި ބުނީ، އެ ތަން ގާއިމްކުރުމަށް ހުޅުވާލާފައި ވަނީ 26،909.75 އަކަފޫޓުގެ ބިމެއްގައި ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، އެ މަޝްރޫއަށް އިސްކަންދެވޭ ވިޔަފާރީގެ މޮޑެލްތައް ކަމަށްވާ ޑިޒައިން ބިލްޑް އޮޕަރޭޓް ޓްރާންސްފާ (ޑީބީއޯޓީ) މޮޑެލާއި ލީސް މޮޑެލަށް ހުށަހެޅޭނެއެވެ. އެގޮތުން، ޑީބީއޯޓީ މޮޑެލްގައި ކުލި ދެއްކުމުގެ ބަދަލުގައި ދެ ފަރާތުން އެއްބަސްވާ ގޮތަށް ތަރައްގީ ކުރެވޭ އިމާރާތުން އެޗްޑީސީ އަށް ބައެއް ދޭން ޖެހޭނެއެވެ. އަދި ލީސް މޮޑެލްގައި މަހުން މަހަށް ކުއްޔެއް ދައްކަން ޖެހޭނެއެވެ.

ނަމަވެސް، އީއޯއައި ހުށަހަޅާ ފަރާތްތަކުން އެހެން މޮޑެލްތައް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އެގޮތުން، ގިނަ ޕްރޮޕޯސަލް ލިބިއްޖެ ނަމަ، އެންމެ އެކަށީގެންވާ އީއޯއައި އެއް ހޮވައި، ކުރިއަށް ދާނެ ކަމަށް ވެސް ބުންޏެވެ.

އީއޯއައި ހޮވާއިރު އެޗްޑީސީން ބަލާ ކަންކަން:

  • ޑިވެލޮޕަރުގެ ތަޖުރިބާ
  • ސީއެސްއާރް ކޮންޓްރިބިއުޝަން
  • މާލީ ފުދުންތެރިކަން
  • ކެޕޭސިޓީ

ހަމަ އެއާއެކު، އީއޯއައި ބަލައިގެންފައިވާ ކަމާއި، ބާތިލް ކުރުމުގެ ކުރިން އަންގާނެ ކަމުގައި އެޗްޑީސީން ބުނެފައިވެއެވެ.

އަދި އީއޯއައި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަން ވާނީ ކަނޑައަޅާފައިވާ ފޯމެޓާ އެއްގޮތަށް، އަންނަ މަހުގެ 3 ގެ މެންދުރުފަހު 3:30 ގެ ކުރިން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަކޮށް އެޗްޑީސީން ގުދަނެއް ގާއިމް ކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2017 ގައެވެ. އެންމެ ފުރަތަމަ ގާއިމްކުރި ގުދަނުގައި 36 ޔުނިޓް ހުންނައިރު، އެ ތަނުގެ ބޮޑުމިނަކީ 58،000 އަކަފޫޓެވެ.