ހުޅުމާލޭގެ ވަގުތީ މިސްކިތް “މަސްޖިދުލް ފިތުޔާ”ގައި ނަމާދުކުރުން ހުއްޓާލަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، "މަސްޖިދުލް ފިތުޔާ" ގައި ނަމާދު ކުރަން ހުއްޓާލަން ނިންމީ އާރުއާރުސީސީގެ ފަރާތުން ހުޅުމާލޭގައި ބިނާކުރަމުންދާ މިސްކިތް "މަސްޖިދުލް ރަޝީދު" ޖުލައި 2 ވާ ހޮނިހިރު ދުވަހުގެ ރޭ އިސާ ނަމާދަށް ހުޅުވައި އެ މިސްކިތުގައި ނަމާދުކުރަން ނިންމާފައިވާތީ ކަމަށެވެ.

މަސްޖިދުލް ފިތުޔާގައި ނަމާދުކުރުން ހުއްޓާލަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ނިންމާފައިވަނީ، އަލަށް ހުޅުވިގެންދާ މިމިސްކިތަކީ 1200 މީހުނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ ބޮޑު މިސްކިތަކަށްވެފައި ކައިރި ކައިރީގައި އެ ދެމިސްކިތް ހުރުމުން ކަމަށް އެޗްޑީސީން ބުނއެވެ.

"މަސްޖިދު ރަޝީދު" އަންނަ ހޮނިހިރު ދުވަހު ހުޅުވަން ނިންމާފައިވާއިރު ކޯޓުޔާޑާއެކު 3000 މީހުންގެ ޖާގައިގެ މިސްކިތެއް ހުުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަން ވަނީ ނިންމާފައެވެ.

އެޗްޑީސީން ފަރުމާ ކޮށްފައިވާ މި މިސްކިތަކީ 30،655 އަކަފޫޓުގެ ބިމެއްގައި، މިސްކިތުގެ އެތެރޭގައި 1400 މީހުންގެ ޖާގަ އަދި ކޯޓްޔާޑާ އެކު 3000 މީހުނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ މިސްކިތެކެވެ.

މީގެ އިތުރުން 139 ސައިކަލު ޕާކް ކުރާނެ ޖާގައާއެކު ހަދާ މި މިސްކިތް ހުންނާނީ ހިޔާ ފްލެޓް ސަރަހައްދުގައި ކަމަށާއި މި މިސްކިތް ބިނާކުރުމުން ވަރަށް ގިނަ ލުއިފަސޭހަތަކެއް އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މިގޮތުން ނަމާދުކޮށް ނިމުމުން މިސްކިތުން ފައިބަން ދިމާވާ ދަތިތަކަށް ހައްލެއް ލިބި އަދި ރަމަޟާން މަހުގައި، މިސްކިތަށް އަރާ ފޭބުމުގައި ތޮއްޖެހުން ކުޑަވެ ނަމާދުކުރަން ފަސޭހަ ވެގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.