އިންޑިއާއަކީ އޮސްޓްރޭލިއާއިން ގެންގުޅޭ ބައިނަލްއަގުވާމީ ތަސައްވުރުގެ މުހިންމު މަރުކަޒެއް ކަމަށް، އިންޑިއާއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ދިފާއީ ވަޒީރު ރިޗާޑް މާލްސް ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރަށް އޮސްޓްރޭލިއާގެ ސަރުކާރުން ދޭ އަހައްމިއްޔަތު ކަން ފާހަގަ ކުރައްވަމުން މާލްސް އިތުރަށް ވިދާޅުވީ، ތާރީހަށް ބަލާއިރު އިސްތިރާޖީ ގޮތުން އޮސްޓްރޭލިއާއާއި އިންޑިއާގެ ގުޅުން އެއް ހަމައެއްގައި ރަހަ ވެފައިވާ ދުވަސްވަރެއް ފެނިފައި ނުވާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ވިދާޅުވީ އޮސްޓްރޭލިއާއާއި އިންޑިއާއަކީ ވަކި މިންގަނޑުތަކެއް ހިއްސާ ކުރާ 2 ގައުމު ކަމަށާ، 2 ގައުމަކީވެސް ތަންފީޒު ކުރަނިވި ގާނޫނުތަކެއް އޮތް 2 ގައުމު ކަމަށެވެ. އަދި އެ އަސާސްގެ މައްޗަށް ބަވަނަވަންތަ ބާރުވެރިކަން ބިނާ ކުރެވޭނެ ގޮތްތައް ދެ ގައުމުންވެސް ބަލަމުން ދާ ކަމަށް އޮސްޓްރޭލިއާގެ ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

މާލްސްގެ އިންޑިއާ ދަތުރުގެ އެޖެންޑާ މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ، ސަރަހައްދީ ފެންވަރުގައި ޗައިނާއިން ގަދަ ކުރަމުން އަންނަ ނުފޫޒުގެ މައްޗަށް ކަމަށް ހަބަރު ލިބެއެވެ. ޗައިނާ ދުނިޔޭގެ މައްޗަށް ނުފޫޒުގަދަ ކުރަމުން ދަނީ މީގެ ކުރިން ފެނިފައި ނުވާ ފަދަ ގޮތަކަށް ކަމަށްވެސް ޗައިނާގެ އޮފިޝަލު ވަނީ ސިފަ ކުރައްވާފައެވެ. އަދި އޮސްޓްރޭލިއާ އޮންނާނީ އިންޑިއާއާއެކުގައި ކަމަށްވެސް އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ވަނީ އިޝާރާތް ކުރައްވާފައެވެ.

އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި ވާ އިރު، އޮސްޓްރޭލިއާގެ އާ ބޮޑުވަޒީރު އެންޓަނީ އެލްބަނީޒް ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި ދާދި ފަހުން ޖަޕާނުގައި ބައްދަލު ކުރައްވާފައެވެ. އިންޑިއާއާއި އޮސްޓްރޭލިއާއަކީ ޗައިނާގެ ބާރުވެރިކަމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި އެކުލަވާލާފައިވާ "ކުއަޑް"ގެ އިއްތިހާޑުގެ 4 މެންބަރުންގެ ތެރޭގައި ހިމެނޭ 2 ގައުމެވެ. ކުއަޑް އިއްތިހާދުގައި ދެން ހިމެނެނީ ޖަޕާނާއި އެމެރިކާއެވެ.