ދުނިޔެއާއި އެންމެ ގާތުގައިވާ ގުރަހަ ނުވަތަ މާސް ޕްލެނެޓުގެ ސާމްޕަލް، 2031 ވަނަ އަހަރު ދުނިޔޭގެ ބިމަށް ގެނައުމަށް ޗައިނާއިން އަމާޒު ހިފައިފިއެވެ.

2031 އަކީ، މާސްއިން ސާމްޕަލް ގެނައުމަށް، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)އާއި ވިލާތުގެ ޖައްވީ އިދާރާ (އިސާ) ގުޅިގެން ހިންގާ މަޝްރޫއުގެ ދަށުން ސާމްޕަލް ގެނައުމަށް ހަމަޖެހިފައިވާ ތާރީހަށް ވުރެ 2 އަހަރު އަވަސް ތާރީހެކެވެ.

މާސް ޕްލެނެޓުން ސާމްޕަލް ގެނައުމަށް ޗައިނާގެ ޖައްވީ މިޝަން އުދުއްސާލާނީ 2018 ވަނަ އަހަރު އަހަރު ކަމަށާ، މާސްގައި ފުޅާ ދާއިރާއެއްގައި ދިރާސާތައް ކުރުމަށް ފަހު، ދުނިޔޭގެ ބިމަށް މިޝަންއިން ދަތުރު ފަށާނީ މާޗް 2030 ގައި ކަމަށް ހަބަރު ލިބެއެވެ. އަދި ސާމްޕަލާއެކު ދުނިޔޭގެ ބިމަށް، ޗައިނާގެ މިޝަން ތިރި ކުރަން ނިންމާފައި ވަނީ ޖުލައި 2031 ގައި ކަމަށްވެސް ހަބަރު ލިބެއެވެ.

ޗައިނާއިން ވަނީ އެ ގައުމުގެ ޖައްވީ މަޝްރޫއުތައް ހިންގުމަށް އެތައް ބިލިއަން ޑޮލަރެއް ހަރަދު ކޮށްފައެވެ. ޗައިނާއިން ދަނީ ހަނދުގައި ބޭސްއެއް ގާއިމު ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ. ޗައިނާއިން ވަނީ ހަނދުން ސާމްޕަލް ނެގުމުގެ މިޝަންއެއް، 2020 ވަނަ އަހަރު ކުރިއަށް ގެންގޮސްފައެވެ.

ނާސާއާއި އިސާއިންވެސް މާސްއިން ސާމްޕަލް ނެގުމަށް މިޝަން އުދުއްސާލާނީ 2028ގައެވެ. އަދި މުރާޖާ ކޮށްފައިވާ ތާވަލުގައި ވާ ގޮތުން ސާމްޕަލް ބިމަށް އަންނާނެ ކަމަށް ލަފާ ކުރެވެނީ 2033 ވަނަ އަހަރުއެވެ. ނާސާއާއި އިސާއިން ދަނީ، ވިލާތުގެ ޖައްވީ ފަޅުވެރިއަކު ފުރަތަމަ ފަހަރަށް ހަނދަށް ގެންދިއުމުގެ މަޝްވަރާތައްވެސް ކުރަމުންނެވެ.

ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަމަށް ބުނެ، އެމެރިކާއިން 2011 ވަނަ އަހަރު ވަނީ، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) އަށް ޗައިނާއަށް ނުދެވޭ ގޮތް ހަދާފައެވެ.