ލ. ފޮނަދޫއަށް އުފަން އާލިޔާ އަސްފަން އަބްދުއް ރަހީމްއަކީ އުމުރުން 1 އަހަރު ގައި އެހެން ކުދިންނެކޭ ވެސް އެއްފަދައިން ބަސްތައް ބުނެ ހިނގާ ވެސް ހެދި ކުއްޖެކެވެ. ނަމަވެސް އުމުރުން 18 ވަނަ މަހުގައި ޑެންގޫ ޖެހި އާލިޔާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ.

ހިނގަން އުނދަގޫވެ، ވާހަކަ ދެއްކުން އެއްކޮށް ހުއްޓުނެވެ. "ރޭގަނޑު ނުވެސް ނިދާނެ، ހަމަ ރޯނީ" ދަރިފުޅުގެ ބަލި ހާލަތު އޭނާގެ މަންމަ އައިޝަތު ސުހާ ވަރަށް އަސަރާއެކު "ދަ ޕްރެސް" އަށް ކިޔައިދިނެވެ.

ފަސް މަސް ވަރަކަށް ނެގި އާލިޔާ އަލުން ރީއްޗައް ހިނގަން ފަށަން ޑެންގޫ ޖެހިފަ، އޭގެ ފަހުން އަސްލު ވާހަކަ ދެއްކުން އެއްކޮށް ހުއްޓާލި، ކުޑައިރު ވަރަށް މަޖާ ކުއްޖެއް ލޯބި ލޯބި،
ސުހާ
އާލިޔާ އޭނާ މަންމަ ސުހާއާއެކު

ސްކޫލު ކައުންސެލަރަކަށް ސުހާ މަސައްކަތް ކުރަމުން ދިޔައިރު އޯޓިޒަމްއާ ބެހޭ މައުލޫމާތު އެނގެމުން ދިޔައެވެ. ލެކްޗަރާއިން ކައިރިން ވެސް މިކަމުގެ މައުލޫމާތު ސާފުކުރަމުން ދިޔައީ އާލިޔާއަށް އަންނަމުން ދިޔަ ބަދަލަކީ އޯޓިޒަމްގެ ސަބަބުން އައި ބަދަލެއްތޯ ސާފު ކުރުމަށެވެ. އާލިޔާ ބަލާލާފައި އެއީ އޯޓިޒަމް ހުންނަ ކުއްޖެއް ހެން ހީނުވާއިރު ލެކްޗަރާއިން ވެސް ބުނަމުން ދިޔައީ ބައެއް ކުދިންނކީ ލަހުން ވާހަކަ ދައްކަން ފަށާ ބައެއް ކަމަށެވެ. ނަމަވެސް އޭރުވެސް އާލިޔާގެ ފަރާތުން ފެންނަމުން ދިޔައީ އޯޓިޒަމްގެ ސަބަބުން ދިމާވާ ކަންކަން ކަމަށް ސުހާ ހިތަށް އެރި ކަމަށް ބުނެއެވެ.

އެންމެ ފަހުން 2017 ވަނަ އަހަރު ސުހާ އާލިޔާ ގޮވައިގެން މާލެ އައިސް ސްޕީޗް ތެރަޕިސްޓަކަށް ދެއްކިއެވެ. ޑޮކްޓަރު އޭރު ބުނީ ބައެއް ކުދިން ވާހަކަ ދައްކަން ފަށާލެއް ލަސް ކަމަށާއި ނަމަވެސް އޯޓިޒަމް ކުއްޖެއް ތޯ ޑައިގްނޯސް ކުރަން އަދި މާ އަވަސް ކަމަށެވެ. އަދި ސައިކޮލޮޖިސްޓަކަށް އާލިޔާ ދެއްކުމަށް ތެރަޕިސްޓް އިރުޝާދު ދިން ކަމަށް އާލިޔަގެ މަންމަ ބުނެއެވެ.

އޭރު ވެސް ހޮސްޕިޓަލް ތަންތަނަށް ވެއްދޭނީ ގަދަކަމުން، ހުއްޓާވެސް ނުލާނެ ހަމަ،
ސުހާ
އާލިޔާ

ސައިކޮލޮޖިސްޓަކަށް ދެއްކުމުން އާލިޔާގެ ގިނަ އެސެސްމަންޓުތަކެއް ހެދިއެވެ. އަދި ތެރަޕީއަށް ދިއުމަށް އިރުޝާދު ދިނެވެ. ދަރިފުޅު ކްލާސް ތަކަށް ގެންދަން ވަރަށް އުނދަގޫކަން ފާހަގަކޮށް ސުހާ ބުނީ، ތެރަޕީ ކްލާސްތަކަށް އޭނާ އެއް ހަފްތާއަށް ގެންދިއުމަށް ފަހު ދެން ދިޔައީ ރަށަށް ކަމަށެވެ.

"އޯޓިޒަމް ކަން އެނގުމުން ހިތް ކުދިކުދި ވި"

ރިޕޯޓުތައް ލިބުން ލަސްވެ ސުހާ އެންމެ ފަހުން ނިންމީ ލަންކާއަސް ދަރިފުޅު ގޮވައިގެން ދާށެވެ. އެތަނުގައި ހުރި ރައްޓެއްސެއްގެ އެހީތެރިކަމާއި އެކު ޑޮކްޓަރުންނަށް ދައްކައި އާލިޔާގެ ޓެސްޓު ހެދިއެވެ. ނަމަވެސް ޓެސްޓުތަކުގެ ނަތީޖާއާއެކު ސުހާގެ ހިތް ކުދި ކުދި ވިއެވެ.

އާލިޔާ
އެއީ ހަމަ އެންމެ ދަރަވި، އެންމެ ހިތް ދަތިވި ދުވަސް އެއީ، ހޮސްޕިޓަލުން ނުކުމެގެން ގެއާ ހަމައަށް ދެވެންދެން ވެސް ރޮވުނު
ސުހާ

ލަންކާއަށް ކުރި އެ ދަތުރުގައި ތެރަޕީ ދިނުމަށް ސުހާ އާލިޔާ ގޮވައިގެން ދެ ހަފްތާ މަޑު ކުރިއެވެ. ނޯޕޭ ލީވްގައި ސުހާ ހުރެ އާލިޔާ ގޮވައިގެން ލަންކާއަށް ބަދަލުވިއެވެ. އެކޮޅުން އާލިޔާއަށް ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ އާއި ބިހޭވިއާ ތެރަޕީ ދެމުން ސުކޫލަށް ގެންދަން ފެށިއެވެ.

ލަންކާ އިން ދިން މި ތެރަޕީތަކާއެކު އަހަރެއް ވީއިރު އާލިޔާއަށް ގިނަ ހެޔޮ ބަދަލުތައް އަންނަން ފެށި ކަމަށް ސުހާ ބުންޏެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް އެދެމައިން ދިރިއުޅެމުން އަންނަނީ ފޮނަދޫގައެވެ. އެހެންކަމުން ރަށުގައި ތިބެގެން އޯޓިޒަމް ކުދިންނަށް ބޭނުންވާ ތެރަޕީގެ އެއްވެސް ހިދުމަތެއް ނުލިބުމަކީ ސުހާ އެންމެ ހިތާމަ ކުރާ އެއްކަމުގެ ގޮތުގައި ފާހަގަ ކުރިއެވެ.

އާލިޔާގެ މިހާރުގެ ހާލަތު:

ފަރުވާ ނުދެވި ގިނަ ދުވަސް ވުމުން އާލިޔާއަށް މިހާރު ވާހަކަ ދައްކަން އުނދަގުލެވެ. އަދި އަވަސް އަވަހަށް ރުޅިއަންނަން ފަށާ ކަމަށް ސުހާ ބުންޏެވެ. އާލިޔާއަށް ނިދަން ވެސް ވަރަށް އުނދަގުލެވެ. އަދި ކާން ބޭނުންވަނީ ވެސް ވަކި އެއްޗެކެވެ. މިހާރު އުމުރުން ހަތް އަހަރުގެ އާލިޔާ އަކީ ކުރަހަން ވަރަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމަށް ސުހާ ބުންޏެވެ.

އާލިޔާ އޭނާ މަންމަ ސުހާއާއެކު
މިހާރު ނިދީގަ އުނދަގޫތަކެއް ހުރޭ، ހޭލައިގެން އުޅޭނެ ބައެއް ރޭރޭގަ، އެކަމަކު މިހާރަކު ނުއެއް ރޮއެ، ކުރިން ވަރަށް ވަރަށް ރޯނެ، ހަދާނެ ގޮތް ހުސްވާނެ، ކީއްބާއޭ ކުރާނީ ހަމަ، ލަންކާގަ އެކަނި އުޅުނު އިރުވެސް ހަދާނެ ގޮތް ހުސްވެގެން ރޮވޭ ފަހަރު އަންނާނެ، ދެމީހުން އެކީގަ އެހެން ހަމަ ރޮއެ ރޮއެފަ، އާންމުކޮށް ވީކެއްގަ ވެސް ހަމަ ނިދި ނުލިބޭނެ އެންމެ ރެއަކު ވެސް އޭރު.
ސުހާ

ސުހާ މިހާރު ބޭނުންވަނީ އާލިޔާއަށް ސްޓެމް ސެލް ޓްރީޓްމަންޓު ދޭށެވެ. ފޭސްބުކުން ފެނުނު ޕޯސްޓަކާ ގުޅިގެން ސްޓެމް ސެލް ޓްރީޓްމަންޓް އިން އޯޓިޒަމަށް ދެވޭ ފަރުވާ ވަރަށް ބޮޑަށް ސުހާ ދިރާސާ ކުރިއެވެ. ނަމަވެސް އެ ފަރުވާ ދިނުމަށް ބޭނުންވާ މާލީ ތަނަވަސްކަން ނެތް ކަމަށް އޭނާ ބުނެއެވެ.

އެ ފަރުވާއަކީ ބޮޑު ހަރަދެއް ދާ ފަރުވާއެއް ކަން ފާހަގަކޮށް ސުހާ ބުނީ ފުރަތަމަ ޓްރީޓްމަންޓަށް އެކަނިވެސް 16،500 އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށެވެ. ނަމަވެސް ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު މިހާރު 20 ޕަސަންޓު ހަމަ ކުރެވިފައިވާ ކަމަށް ސުހާ ބުންޏެވެ. އެހެން ކަމުން މިހާރު އާލިޔާގެ ފަރުވާއަށް ބޭނުންވާނީ 13200 އެމެރިކާ ޑޮލަރެވެ.

ޑޮކްޓަރުންގެ ލަފާއަކީ ވީހާ އަވަހަކަށް މި ފަރުވާ ދިނުމެވެ. ނަމަވެސް މި ފަރުވާއަށް އެހާ ބޮޑު އަދަދެއްގެ ފައިސާއެއް އެއްފަހަރާ ދެވޭވަރުގެ ތަނަވަސްކަން އާއިލާގައި ނެތެވެ. އާލިޔާގެ މަންމަގެ ލޮލުގެ ނޫރު ހެން ދެކެމުންދާ ދަރިފުޅަށް އަވަސް ޝިފާއެއް ހޯދުމަށް މިވަގުތު ވަނީ ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވެފައެވެ.

އާލިޔާއަށް އެހީވާން ބޭނުންވާ ފަރާތްތަކުން އާލިޔާގެ މަންމަ، ސުހާ 9500078 އަށް ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

އެކައުންޓު ނަން: އައިޝަތު ސުހާ

އެކައުންޓް ނަންބަރު (ރުފިޔާ): 773000058474

އެކައުންޓް ނަންބަރު (ޑޮލަރު): 7730000460637

'ދަ ޕްރެސް' ގެ ދުއާއަކީ މާތް ﷲ އާލިޔާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.