"ޑްރެއިންޑް ކަނޑުމަސް ޗަންކްސް"ގެ ނަމުގައި މިފްކޯއިން އަގުހެޔޮ، އާ ވައްތަރެއްގެ މަސްދަޅެއް ނެރެ ވިއްކަން ފަށައިފިއެވެ.

ތެޔޮ އުކާލަން ނުޖެހޭ "ޑްރެއިންޑް ކަނޑުމަސް ޗަންކްސް" ދަޅު އެންމެ ފުރަތަމަ ދައްކާލާފައި ވަނީ މިމަހުގެ 2 އިން 4 އަށް، ހުޅުމާލޭގައި ބޭއްވި އެފްއެންބީ ޝޯގައެވެ. އެ ދަޅު އާންމުކޮށް ބާޒާރަށް ނެރުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ރެކް ލީސިން ޕާޓްނަރެއްގެ ގޮތުގައި މިފްކޯ ތައާރަފް ކުރުމުގެ ގޮތުން ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތަށް ފަހު، އިރުއޮއްސި 6 ގެ ނިޔަލަށް، އެ ދަޅުތައް ބޭނުންކޮށްގެން ހަދާފައިވާ ބައެއް ކާބޯތަކެތީގެ އަޖުމަ ބަލައިލުމުގެ ފުރުސަތު އެސްޓީއޯއިން އާންމުންނަށް ހުޅުވާލާފައިވެއެވެ.

އެސްޓީއޯއިން ބުނީ، "ޑްރެއިންޑް ކަނޑުމަސް ޗަންކްސް"ގެ ދަޅުތައް، މިއަދުން ފެށިގެން އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ފިހާރައިގެ އިތުރުން، މިފްކޯގެ މަސް ފިހާރަތަކުންނާއި، އެހެން ފިހާރަތަކުން ވެސް ލިބެން ހުންނާނެ ކަމަށެވެ. އެސްޓީއޯއިން ބުނި ގޮތުގައި އެ ދަޅުތަކަކީ:

  • ކުޑަ ތެޔޮފޮދެއްގައި ތައްޔާރުކުރެވިފައިވާ މަސްދަޅުތަކެއް
  • އެހެންކަމުން އެ ދަޅުގައި ހުންނަ ތެޔޮ އުކާލަން ނުޖެހުމުގެ ސަބަބުން ބޭނުންކުރަން ފަސޭހަ ވާނެ
  • ސީދާ ތެއްޔަށް އަޅައި ފަސޭހަ ކަމާއެކު ވަގުތުން ތައްޔާރު ކޮއްލެވޭނެ
  • ކެއްކުމުގެ ތެރޭގައި ތެލުގެ ސަބަބުން ބަދިގެ ތެރެ ނުތާހިރުވުން ކުޑަކޮށްދޭނެ

އޭގެ އިތުރުން، ސޭންޑްވިޗް ފަދަ ލުއިކާނާ ފަސޭހަ ކަމާއެކު ތައްޔާރު ކުރެވޭނެ ކަމަށާއި، އެ ދަޅުތަކަކީ ސިއްހަތަށް ރަނގަޅު، އަދި އަގުހެޔޮ ދަޅުތަކެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ މަސްދަޅު ސަންފްލާވާ ތެލާއި، ސޯޔާ ބީން ތެލާއި ޒައިތޫނި ތެލުގައި ވެސް އުފައްދައި ބާޒާރަށް ނެރޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މިފްކޯއިން ނެރޭ އާ ދަޅުތައް މިއަދު ތައާރަފްކޮށްފައި ވަނީ، ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެޔޮ އަގުބޮޑުވުމުގެ ސަބަބުން، މިފްކޯއިން މިހާރު އުފައްދައި ވިއްކަމުންދާ ބާވަތްތަކުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، އާންމުކޮށް ވިއްކާ ތެޔޮ ދަޅު ކޭހަކުން 150ރ ވަނީ ބޮޑުކޮށްފައެވެ.