މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސާގެ މަގާމުގައި ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް މިއަދު އެ މަގާމުން ވަކިކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނެފިއެވެ.

ނަމަވެސް ވިޓާލީ އެ މަގާމުން ވަކި ކުރެއްވި ސަބަބު އަދި ސާފު ވާ ގޮތެއް ނުވެއެވެ.

ވިޓާލީ އެ މަގާމުން ވަކިކޮށްފައިވާ އިރު، މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ މިފްކޯގެ މެނޭޖުމަންޓު ޕާފޯމަންސް ރިވިއުކޮށް، ޖެނެރަލް މެނޭޖަރުންގެ މަގާމުގައި ތިބި ތިން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައެވެ. އެ މެނޭޖަރުން ވަކި ކުރި ސަބަބު ހާމަ ކުރަމުން އޭރު މިފްކޯއިން ބުނެފައި ވަނީ، މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރުމަށް ކުރިޔަށްދާ އިސްލާހީ އެޖެންޑާގެ ދަށުން އެޅި ފިޔަވަޅެއް ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެ ގޮތުން މިފްކޯއަށް ރާއްޖެއިން ބޭރުގެ ސީއީއޯ އެއް އައްޔަން ކޮށްފައި ވަނީ ވެސް ކޮރަޕްޝަން ހުއްޓުވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ވިޓާލީ އަކީ އިކޮނޮމިކްސް އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ. މީގެ ކުރިން ބައެއް ބޭންކުތަކުގެ ކްރިޑިޑް އަދި ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި ބައެއް ކުންފުނިތަކުގެ ބޯޑް މެންބަރުކަމާއި އެޑްވައިޒަރުކަމުގެ އިތުރުން ބައެއް ކެޕިޓަލް ފަންޑުތަކުގެ ޗީފް ރިސްކް އޮފިސަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

ޔޫކްރެއިންގެ ބޭފުޅެއް ކަމުގައިވާ ވިޓާލީ މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައެވެ.