މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސާގެ މަގާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއާ ޖެނެރަލް (ރޓ) ފަރުހަތު ޝަހީރު އައްޔަންކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނެފިއެވެ.

މިފްކޯގެ ސީއީއޯއަކަށް ފަރުހަތު ޝަހީރު އައްޔަން ކޮށްފައިވާ އިރު، މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައި މިފްކޯއަށް އައްޔަން ކުރި ސީއީއޯ، ޔޫކްރެއިންގެ ރައްޔިތެއް ކަމަށް ވާ ޑރ. ވިޓާލީ ލިއުބިމޮވް ވަނީ އިއްޔެ އެ މަގާމުން ވަކި ކޮށްފައެވެ. ނަމަވެސް ވިޓާލީ އެ މަގާމުން ވަކި ކުރި ސަބަބު އަދި ސާފު ވާ ގޮތެއް ނުވެއެވެ.

ވިޓާލީ އެ މަގާމުން ވަކިކޮށްފައިވާ އިރު، މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ މިފްކޯގެ މެނޭޖުމަންޓު ޕާފޯމަންސް ރިވިއުކޮށް، ޖެނެރަލް މެނޭޖަރުންގެ މަގާމުގައި ތިބި ތިން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައެވެ. އެ މެނޭޖަރުން ވަކި ކުރި ސަބަބު ހާމަ ކުރަމުން އޭރު މިފްކޯއިން ބުނެފައި ވަނީ، މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރުމަށް ކުރިޔަށްދާ އިސްލާހީ އެޖެންޑާގެ ދަށުން އެޅި ފިޔަވަޅެއް ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެ ގޮތުން މިފްކޯއަށް ރާއްޖެއިން ބޭރުގެ ސީއީއޯ އެއް އައްޔަން ކޮށްފައި ވަނީ ވެސް ކޮރަޕްޝަން ހުއްޓުވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.