ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްގެ ކޯޓްޔާޑްގައި އާންމުން އިންދާފައި ހުރި ގަސްތައް ނަގާ އެތަން ހުސްކުރަން އެޗްޑީސީން އަންގައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ހިޔާ ކޯޓްޔާޑް ތަރައްގީ ކުރުމަށްޓަކައި އެ ކޯޕަރޭޝަނުން މަސައްކަތް ފެށުމަށް ބޭނުންވާތީ އެ ސަރަހައްދުގައި އާންމު ފަރާތްތަކުން އިންދާފައިވާ ގަސްތައް ނަގާ ސާފުކޮށް ދިނުމަށް އެދޭ ކަމަށެވެ.

އެ ގޮތުން މި މަހުގެ 23 ގެ ކުރިން އެ ސަރަހައްދު ސާފުކުރުމަށް އެޗްޑީސީން ވަނީ މުއްދަތު ދީފައެވެ. މި މަހުގެ 23 ގެ ފަހުން އެ ސަރަހައްދު ނުނަގާ ހުރި ގަސްތައް އެ ކޯޕަރޭޝަނުން ނަގާ އެ ސަރަހައްދު ސާފު ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ރައްޔިތުންނާ ގުޅުން ހުންނަ މި ފަދަ މަސައްކަތްތަކުގައި ރައްޔިތުން ދޭ އެއްބާރުލުން ފާހަގަކޮށް އެޗްޑީސީން ވަނީ ރައްޔިތުންނަށް ޝުކުރު އަދާ ކޮށްފައެވެ.

ހިޔާ ކޯޓުުޔާޑަކީ ހިޔާ ފްލެޓުތެރޭގައި ހެދިފައިވާ ކުދިކުދި ޕާކުތަކެވެ. މިހާރު ގަސް އިންދުމުގެ މަސައްކަތައް ފެށުމަށް އެތަން ތައްޔާރުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ އިރު، އެތަން ޑިޒައިން ކޮށްފައި ވާނީ އާންމު ރައްޔިތުންނަށް އިށީނދެލައިގެން ތިބެވޭ ގޮތަށް ގޮނޑިތަކެއް ވެސް ޖަހާ ގޮތަށެވެ. މީގެ އިތުރުން ކޮންމެ ކޯޓުޔާޑެއްގައި ވެސް ހިޔާ ދޭ ބޮޑެތި ގަސްތަކެއް ހުންނާނެ ގޮތަށް ފަރުމާ ކުރާ އިރު، ހިޔާގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ބޭނުން ކުރެވޭ ކަހަލަ ގަސްތައް އެ ތަނުގައި ހައްދަން ވަނީ ނިންމާފައެވެ.