ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ "ވިނަރެސް" ހައުސިން މަޝްރޫއުގެ މައުލޫމާތު ސެޝަންތަކާއި އެޕާޓްމަންޓްތައް ދެއްކުމަށް އާންމުކޮށް ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން އަންނަ "ވިނަރެސް" މަޝްރޫއުން އެޕާޓްމަންޓް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ސެޝަންތަކާއި މޭކްއަޕް އެޕާޓްމަންޓް ބެލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން، ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކްތައް މެދުވެރިކޮށް ރަޖިސްޓާ ކުރުމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މައުލޫމާތު ސެޝަންއަށް ރަޖިސްޓްރީ ކުރުމަށް މި ލިންކަށް ޒިޔާރަތް ކުރުމަށާއި އަދި "ވިނަރެސް" މޭކްއަޕް އެޕާޓްމަންޓް ބެލުމަށް އެދި ރަޖިސްޓްރީ ކުރުމަށް މި ލިންކަށް ޒިޔާރަތް ކުރުމަށް އެޗްޑީސީން ބުނެއެވެ. އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 ނުވަތަ 3353535 އަށް ގުޅުމަށް އެޗްޑީސީން ބުނެއެވެ.

މީގެ ކުރިން ވިނަރެސް މަޝްރޫއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލާފައި ވަނީ މިދިޔަ އޮކްޓޯބަރުގެ 19 އިން ފެށިގެން އެމަހުގެ 28 ގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތުގައި ބައެއް ފަރާތްތަކަށް ރަޖިސްޓްރީ ނުކުރެވުމުގެ ޝަކުވާ ލިބެމުން ދާތީ އަލުން އެ ފުރުސަތު ވަނީ މިދިޔަ ޑިސެމްބަރު މަހު ހުޅުވާލާފައެވެ.