އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓުކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފިއެވެ.

ޑީޕީއީ އިން ބުނީ ދިވެހި ކަރުދާސް 1 ޕްރިންޓްކުރުމުގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން މި ކަރުދާސް އަލުން ޕްރިންޓްކޮށް ކަނޑައެޅިފައިވާ ތާރިހުގައި އިމްތިހާނު ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ.

އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1 ގެ އިމްތިހާނު ހެދުމަށް ތާވަލުކޮށްފައި ވަނީ މާދަމާއަށެވެ.

ޑީޕީއީގެ ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ބައެއް މީޑިއާތަކަށް ވިދާޅުވީ މާދަމާ ދިވެހި ޕޭޕަރު ދެވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި ދިވެހި ޕޭޕަރު އަލުން ޕްރިންޓުކުރަން ނިންމީ ދިވެހި އިމްތިހާނުގެ ނަތީޖާއަށް އަސަރުކޮށްފާނެތީ ކަމަށެވެ.

މޭ މަހުގެ 4 ވަނަ ދުވަހު ޖޫން މަހުގެ 10 ވަނަ ދުވަހާ ހިސާބަށް ކުރިއަށްދާ އެސްއެސްސީ އަދި އޯލެވެލް އިމްތިހާނުގައި ޖުމްލަ 5939 ދަރިވަރުން ބައިވެރިވެފައިވާއިރު ރާއްޖޭގެ ޖުމްލަ 239 ސެންޓަރެއްގައި އެ އިމްތިހާނު ކުރިއަށްދެއެވެ.