އޯލެވެލް އިމްތިހާނުގެ ނަތީޖާ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ދޫކުރަން ފަށައިފިއެވެ.

ޑީޕީއީ އިން ބުނީ ރާއްޖޭގެ 257 ސެންޓަރުގައި ހެދި އެސްއެސްސީ އިމްތިހާނާއި އައިޖީސީއެސްއީގެ ނަތީޖާ މިއަދު ހެނދު 9:00 އިން ފެށިގެން ސެންޓަރުތަކަށް ފޮނުވާފައިވާ ކަމަށެވެ. މިއަދު މެންދުރު 12:00 އިން ފެށިގެން އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން އިމްތިހާނުގެ ނަތީޖާ ދޫކުރަން ވަނީ ފަށާފައެވެ.

ޑީޕީއީ އިން ބުނީ އަމިއްލަގޮތުން އިމްތިހާން ހެދި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ ޑީޕީއީ، އިން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގަވެސް ހެނދުނު 8.30 އިން 13.30 އަށް ކަމަށެވެ. މީގެ އިތުރުން ޑީޕީއީ އިން ވަނީ އިމްތިހާނުގެ ނަތީޖާ ރީޗެކް ކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް، އެ އިމްތިހާނު ހެދި ސެންޓަރަށް ހުށަހަޅައިގެން އެކަން ހަމަޖައްސައިދިނުމަށް އެދިފައެވެ.

މިދިޔަ މެއި/ޖޫން މަހު ބޭއްވި އިމްތިހާނުގައި ޖުމްލަ 7،501 ކުދިން އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވެއެވެ. އެއީ އައިޖީސީއެސްއީ ހަދާ 7،155 ކުދިންނާއި އެސްއެސްސީގެ 346 ކުދިންނެވެ.