މި އަހަރުގެ ސެޕްޓެންބަރު/އޮކްޓޯބަރު މަހު ކުރިއަށް ގެންދާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުގެ ލޭޓް އެންޓްރީގެ އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ، މި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށެވެ.

އެޕްލިކޭޝަން ފޯމް, ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރު، ހ. އަސްރަފީވިލާ، ދެވަނަ ފަންގިފިލާ އިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށައަޅާނަމަ މި މެއިލްއަށް މެއިލް ކުރުމަށް ޑީޕީއީ އިން ބުނެއެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

މިއީ އެޑެކްސެލް އޭލެވެލް އިމްތިހާން ރާއްޖޭގައި ހަދާނެ ފަހު އަހަރެވެ. ރާއްޖޭގައި މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ދެމުން އައި އެޑެކްސެލް އިންޓަނޭޝަނަލް އޭއެސްގެ ބަދަލުގައި ކޭމްބްރިޖް އިންޓަނޭޝަނަލް އޭއެސް ދިނުމަށް ނިންމާފައި ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

2024-2025 ވަނަ އަހަރުގެ ދިރާސީ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށާއި 2025 ވަނަ އަހަރު އޮކްޓޯބަރު/ނުވެމްބަރުގައި ކޭމްބްރިޖް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނު ބާއްވާނެ ކަމަށް އޭރު އެޑިއުކޭޝަން މިނިސްތްރީން ވަނީ ބުނެފައެވެ.