މިއަހަރުގެ އަމީރުލްހައްޖަކަށް އިސްލާމިކް މިނިސްޓަރު ޑރ އަހްމަދު ޒާހިރު އަލީ ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިއަހަރު ރާއްޖޭން ހައްޖަށް ދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި މިނިސްޓަރު ވަޑައިގަންނަވާނެ ކަމަށް ހަމަޖައްސަވާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށެވެ.

ކޮންމެ އަހަރަކުވެސް ހައްޖުވެރިންގެ ކަންކަމާ ހަވާލުވެވަޑައިގަތުމަށް ދައުލަތުގެ އިސް ބޭފުޅުންގެ ތެރެއިން ބޭފުޅަކު ރައީސް ހަމަޖައްސަވައެވެ. އެގޮތުން 2019 ވަނަ އަހަު އަމީރުލްހައްޖު ކަމަށް ރައީސް ހަމަޖައްސަވާފައި ވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މި އަހަރު ރާއްޖޭން ހައްޖަށް ގެންދަން ލިބުނު ކޯޓާ އެއްކޮށް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އެގޮތުން 453 މީހުންގެ ކޯޓާއެއް ރާއްޖެއަށް ދީފައިވާއިރު، އޭގެ ތެރެއިން އާންމުންނަށް ހާއްސަކޮށްފައި ވަނީ 100 ޖާގައެވެ. އަދި އެ 100 މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހު ނަގާ ގުރުއަތަކުންނެވެ.

މި އަހަރު ރާއްޖެ އަށް 453 މީހުންގެ ކޯޓާއެއް ދީފައިވީ ނަމަވެސް، އެ ގައުމުގެ ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށްގެން އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ރާއްޖެ އިން ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން އޭރު ބުނެފައިވެއެވެ.