ޒަކާތު ފަންޑުން ހަރަދުކުރަމުން ދަނީ މަތީ ތައުލީމަށް އެހީދިނުމުގެ ގޮތުން ހެދިފައިވާ އުސޫލުގެ ތެރެއިން ކަމަށާ މި ގޮތުން 2021 ވަނަ އަހަރު ޒަކާތު ފަންޑުން ކިޔަވައިދިނުމަށްޓަކައި 11 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒަކާތް ފަންޑުން ކިޔަވައިދިނުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބުދެމުން ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ޒަކާތު ފަންޑުން ކިޔަވާ ދަރިވަރުންނަށް ހަރަދުކުރުމަށް ކަނޑައަޅާ ފައިސާގެ ތެރެއިން ސްޓައިޕެންޑުގެ ގޮތުގައި ދޭ ފައިސާ ޖަމާކުރަނީ އެ ދަރިވަރެއްގެ އެކައުންޓަށް ކަމަށެވެ. އަދި ކޮލެޖު ފީ ޖަމާކުރަނީ އެ ކޮލެޖަކުން އެކަމަށް ބޭނުންވާ އިންވޮއިސް ހުށައެޅުމުން ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ކޮލެޖުގު އެކައުންޓަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޒާހިރު ވިދާޅުވީ ޒަކާތު ފަންޑުން ހަރަދުކުރަމުން ދަނީ މަތީ ތައުލީމަށް އެހީދިނުމުގެ ގޮތުން ހެދިފައިވާ އުސޫލުގެ ތެރެއިންކަމަށާ އެކަން ކުރަމުންދަނީ އާންމުކޮށް ހުޅުވާލައި އިއުލާން ކޮށްގެންކަމަށެވެ. އަދި އެ ފަންޑުން ހަރަދުކުރަމުންދަނީ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ ފީސަބީލިއްލާހި ބައިގެ ދިވެހި އުންމަތް ވަރުގަދަކުރުމަށްޓަކައި ޝަރުއީ ގޮތުން އެ ދާއިރާއަކުން ތަމްރީނުކުރުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ދެވޭ އެހީގެ ތެރެއިން ކަމަށްވެސް އަހްމަދު ޒާހިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޒާހިރު ވަނީ ޒަކާތު ފަންޑުން ކޮށްފައިވާ ބައެއް ހަރަދުތަކުގެ ތަފްސީލު ހާމަކުރައްވާފައެވެ.

  • 2020 ވަނަ އަހަރު 13 ދަރިވަރަކަށް 508،242 ރުފިޔާ ހަރަދުކޮށްފައިވޭ
  • 2021 ވަނަ އަހަރު 180 ދަރިވަރަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވޭ

މަތީ ތައުލީމުގެ، އިތުރުންވެސް ޒަކާތް ފަންޑުންކޮށްފައިވާ އެހެނިހެން ހަރަދުގެ ތަފްސީލުވެސް ޑރ.އަހްމަދު ޒާހިރު ވަނީ ހާމަކުރައްވާފައެވެ. މި ގޮތުން

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އަތޮޅު ތެރޭގައި ރައްޔިތުންނަށް ދީނީ ނަސޭހަތްދިނުމަށް

  • 2019 ވަނަ އަހަރު 778،436 ރުފިޔާ ހަރަދުކޮށްފައިވޭ
  • 2020 ވަނަ އަހަރުގެ ތެރޭގައި އެ މަސައްކަތްތަކަށް 45،388 ހަރަދުކޮށްފައިވޭ.
  • 2021 ވަނަ އަހަރުގެ ތެރޭގައި 830،303 ރުފިޔާ ހަރަދުކޮށްފައިވޭ

ދީނީ ފޮތް ޗާޕުކުރުމަށް

  • 2019 ވަނަ އަހަރުގެ ތެރޭގައި 75،880 ރުފިޔާ ހަރަދުކޮށްފައިވޭ
  • 2020 ވަނަ އަހަރުގެ ތެރޭގައި 139،495 ރުފިޔާ ހަރަދުކޮށްފައިވޭ
  • 2021 ވަނަ އަހަރުގެ ތެރޭގައި 272،096 ރުފިޔާ ހަރަދުކޮށްފައިވޭ

އޯގާކޭމްޕުގެ ނަމުގައި އަތޮޅު ތެރޭގައި ބޭއްވި ކޭމްޕަށް

  • 2019 ވަނަ އަހަރުގެ ތެރޭގައި ހިންގި ހަރަކާތަކަށް 84،400 ރުފިޔާ ހަރަދުކޮށްފައިވޭ
  • 2021 ވަނަ އަހަރުގެ ތެރޭގައި 38،758 ރުފިޔާ ހަރަދުކޮށްފައިވޭ

ވޯކް ޝޮޕްތައް ބޭއްވުމަށް

  • 2019 ވަނަ އަހަރުގެ ތެރޭގައި 2،259،542 ރުފިޔާ ހަރަދުކޮށްފައިވޭ
  • 2020 ވަނަ އަހަރުގެ ތެރޭގައި 94،954 ރުފިޔާ ހަރަދުކޮށްފައިވޭ
  • 2021 ވަނަ އަހަރު ތެރޭގައި 893،496 ރުފިޔާ ހަރަދުކޮށްފައިވޭ

މީގެ އިތުރުން ޑރ.އަހަމްދު ޒާހިރު ވިދާޅުވީ ރާއްޖެއަށް ބޭރުގެ އިލްމުވެރިން ގެނައުމުގެ ގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި 269،326 ރުފިޔާ ހަރަދުވިކަމަށާއި ރަމަޟާން މަހުގެ ތެރޭގައި އިހްޔާ ޕްރޮގްރާމް ބޭއްވުމުގެ ގޮތުންވެސް ހަރަދުތަކެއް ކުރެވިފައިވާކަމަށެވެ.