މާލެ ގެސްޓް ހައުސްއެއް ކަމަށްވާ އުނިމާ ގްރޭންޑްގައި "ސްޕްރިޗުއަލް ހީލާ"ގެ ނަމުގައި ކްލާސްތަކެއް ހިންގަން އުޅުނު ހިންދޫގެ ގުރޫ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޓޫރިސްޓް ވިސާގައި ރާއްޖެއަށް އައިސް ހުރި އިންޑިއާ މީހަކު، ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ދަސްކޮށްދޭ ކްލާސްތަކެއް ހިންގާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައި ވާކަން ފުލުހުންގެ ބެލުމުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެމީހާ އާއި އެކަމުގައި ބައިވެރިވާ ކަމަށް ބެލެވޭ އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ކަމަކީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާބެހޭ ގާނޫނާއި އިމިގްރޭޝަންގެ ގާނޫނާ ހިލާފު ކަމަކަށް ވާތީ މި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ކްލާސްތައް ހިންގަން އެމީހުން އައިސް ތިބި އުނިމާ ގްރޭޑް ގެސްޓް ހައުސް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އެ ގެސްޓް ހައުސް އަށް ޑައިރެކްޓް ބުކިން ހައްދައިގެން ޗެކިންވި ދެ މީހުން ކަމަށްވާ ރުބޭ ގަނޭހް އަދި ނިމިޝާ އުނިމާ ގްރޭންޑްގެ އުސޫލުތަކާ ހިލާފް ވުމުން ޗެކްއައުޓް ކޮށްފައިވާ ކަމަށެވެ. އަދި ފޭސްބުކްގައި އެމީހުން ޖަހާފައިވާ އިސްތިހާރަކީ އެ ގެސްޓް ހައުސްއަށް އެނގިގެން ކޮށްފައިވާ ކަމެއް ނޫން ކަމުގައެވެ.
އެމީހާ ސޯޝަލް މީޑިއާގައި ކޮށްފައިވާ އިސްތިހާރު ތަކުގައި މައްސަލަތަކަށް ހައްލު ހޯދާނެ ގޮތް ކިޔައި ދޭނެ ކަމަށާއި ވަކި ވަރަކަށް ޖާގަ ހުރުމާއެކު އެ ކުލާސްތަކުގައި ބައިވެރިވާން ބޭނުންވާ މީހުން އަވަހަށް އެ ކުލާހުން ޖާގަތައް ކަށަވަރު ކުރުމަށް ބުކިން ހެއްދުމަށް އޭނާ އޮތީ ބުނެފައެވެ. މިއީ މިފަދަ ކަމެއް ފާޅުގައި އިސްތިހާރު ކޮށްގެން ރާއްޖޭގައި ބާއްވަން އުޅުނު ފުރަތަމަ ފަހަރެވެ.
މި މައްސަލަ އިސްލާމިކް މިނިސްޓްރީންވެސް ފުލުހަށް ހުށަހެޅިއެވެ.