އައްޑޫ ސިޓީ ހުޅުދޫ އާއި ށ. މިލަންދޫގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީއެވެ. އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަހްމަދު ފިރާގެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އަހްމަދު ޒާހިރު ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް މަޝްރޫއުގެ މަސައްކަތް ނިންމާ މިނިސްޓްރީއާ ހަވާލުކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި އެކަމުގައި މިނިސްޓްރީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން އަހްމަދު ޒާހިރު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން އަހްމަދު ޒާހިރު ވަނީ މިލަންދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ ކަންތައް ވަރަށް ގާތުން ބައްލަވައި މައުލޫމާތު އެ ދާއުރާގެ މަޖިލިސް މެންބަރު އަލީ ރިޒާ އޮޅުންފިލުވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ ހުޅުދޫގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ އަގަކީ 17,488,559.49 ރުފިޔާއެވެ. އަދި ށ. މިލަންދޫގައި އިމާރާތްކުރާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ އެއްބަސްވުމުގެ އަގަކީ 15,174,897.40 ރުފިޔާއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ބިނާކުރާ މި މިސްކިތްތައް 365 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާއިރު މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރެވޭ މިސްކިތްތަކެކެވެ.