މި މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ތާއިދު ކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ކަމަށް ދީނީ އިލްމުވެރިންގެ ޖަމިއްޔާ އިން ބުނެފިއެވެ.

އެކަން އިއުލާންކޮށްފައި ވަނީ މިއަދު އެ ޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިހު ޑރ. މުހައްމަދު ގުބާދު އަބޫބަކުރު ވިދާޅުވީ، ތަފާތު ސިޔާސީ ހިޔާލުތަކުގެ މީހުންނާއެކު ރައީސް ސޯލިހު މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެއްވެސް ކަހަލަ ހަލަބޮލިކަމެއް ނެތި އެމަނިކުފާނު ދިވެހިރާއްޖެ ދަމަހައްޓާފައިވާ ކަމަށެވެ.

" އެމަނިކުފާނު ގާތުން ދަންނަ ކޮންމެ މީހަކަށް ފާހަގަކުރެވޭނެ ފަދައިން އެމަނިކުފާނަކީ ވަރަށް ހިތްޕުޅު ތިރި ތައާޟުއުވެރި އޯގާވެރި، ރަހުމަތްތެރި ބޭފުޅެއް،"
ޝެއިހް ގުބާދު

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިހް އިލްޔާސް ހުސެއިން ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ސޯލިހަކީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާ ވަރަށް ތަފާތު ބޭފުޅެއް ކަަމަށެވެ. އަދި މީހުން ހިފައި ހައްޔަރުކޮށް ބަންދު ކުރުމުގެ ބަދަލުގައި ތަފާތު ހިޔާލުތަކަށް އެމަނިކުފާނު ޖާގަ ދެއްވާ ކަމަށް ވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކުރަން މިއަދު ދީނީ އިލްމުވެރިންތަކެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އަދި ޑރ. އިޔާޒް ވިދާޅުވީ، ރައީސް ސޯލިހު ދީނީ އިލްމުވެރިންގެ އަޑު އައްސަވާ ކަމަށެވެ. އަދި އިލްމުވެރިން ކަމަކާ މެދު ކަންބޮޑުވެގެން މަޝްވަރާކޮށްފި ނަމަ އެއްވެސް ފަސްޖެހުމެއް ނެތި އެކަމަށް ހައްލު ހޯއްދަވަން އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ސްކޫލު ކުދިންގެ މޫނު ބުރުގާގެ މައްސަލައިގެ އިތުރުން ނަފްރަތުގެ ބިލުގެ މައްސަލަ އާއި އެމްޑީއެން ޖަމިއްޔާ އުވާލުމުގައި ވެސް އެމަނިކުފާނު އަމަލުކުރެއްވީ ދީނީ އިލްމުވެރިން ބޭނުންވި ގޮތަށް ކަމަށް އިޔާޒް ވިދާޅުވިއެވެ. އަދި ރައީސް ސޯލިހު ވަނީ ސަރުކާރާ ދެކޮޅު ދީނީ އިލްމުވެރިންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައް ވެސް އަޑުއެއްސަވާފައި ކަމަށް އިޔާޒް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހުއަށް ތާއީދު އޮތްކަން މިއަދު އިއުލާން ކޮށްފައި ވަނީ ދީނީ އިލްމުވެރިންގެ ވައިބާ ގްރޫޕެއްގައި ނެގި ވޯޓެއްގައި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންގެ ތާއީދު އިދިކޮޅު ޕީއެންސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް އޮތް ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.