ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭ މީހުންނަށް ވިއްކި 60 ބިމަށް ފައިސާ ދެއްކުމަށް ކުރިން ކަނޑައަޅާފައި އޮތް މުއްދަތު އިތުރު ދެ ހަފްތާއަށް އިތުރުކޮށްދިނީ ބޭންކުތަކުން އެދިގެން ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

އެޗްޑީސީން ބިއްކުމަށް ހުޅުވާލި ބީޗް ފްރޮންޓުން 26 ބިމާއި ބީޗް ސައިޑުން 34 ބިން ވިއްކުމުގެ ބީލަން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައެވެ. ބީލަމުގައި ވިއްކާލި ގޯތި ލިބުނު މީހުން އެކަމުގެ ލިޔުންލިބޭތާ 60 ދުވަސް ތެރޭގައި ފައިސާ ދެއްކުމަށް ކަނޑައަޅައިފާ ވީ ނަމަވެސް އެ މުއްދަތު ހަމަވުމާއެކު ބޭންކުތަކުގެ އެދުމުގެ މަތިން ވަނީ އެ މުއްދަތު ދެ ހަފްތާއަށް އިތުރުކޮށްދީފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާ 60 ބިމަކީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. ބިން ވިއްކާފައި ވަނީ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000 ރުފިޔާ ހުށަހެޅުމުންނެވެ. އެހެންނަމަވެސް ބިޑް ކާމިޔާބުކުރާ ފަރާތްތަކާއެކު އެއްބަސްވާއިރު މުއްދަތަށް ފައިސާ ނުދައްކައިފިނަމަ، ބީލަން ބާތިލުކޮށް ބިޑް ސެކިއުރިޓީ ވެސް އެޗްޑީސީއަށް ނެގެއެވެ

ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވޭ ގެދޮރުވެރި ކަމުގެ އެކި އެކި މަޝްރޫއުތަކުގެ ތެރެއިން އެކި އެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށް ބުނެ، އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ބީލަމުގައި ވިއްކުމަށް ނިންމައި އެކަން އިއުލާން ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ގައެވެ.

އެޗްޑީސީގެ ބިޒްނަސް ޕްލޭންގެ ތެރެއިން، ބިން ވިއްކުމުގެ މައިގަނޑު މަގުސަދަކީ މި ފަދަ މަޝްރޫއުން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މިގޮތުން މިފަހަރު ހުޅުވާލި ފުރުސަތުގައި އިސްކަމެއް ދީފައި ވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.