މިއުޒިކާއި ލަވައިގެ ދުނިޔޭގެ ތެރެއިން ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ހަރަކާތްތެރިވެ އުޅޭ ކޮންމެ މީހަކަށްވެސް ކޯކް ސްޓޫޑިއަކީ އާ ނަމަކަށް ނުވާނެއެވެ. ދުނިޔޭގެ 1 ނަމްބަރު ލުއި ބުއިމުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަމުން އަންނަ ކޮކާ ކޯލާއިން ޕްރޮޑިއުސް ކުރާ ކޯކް ސްޓޫޑިއޯ-ޕާކިސްތާންއަކީ، ޕާކިސްތާނުގައި އެންމެ ގިނަ ދުވަހަށް ދިގުލާ ގޮސްފައިވާ މިއުޒިކް ޝޯއެވެ.

އެފަދަ ދެވަނައެއް ނެތް ރަން އަޑުގެ ވެރިންގެ ހިތްގައިމު މިއުޒިކީ ޖަޒުބާތުތައް ބަންޑުން ކުރަމުން ދާ ކޯކް ސްޓޫޑިއޯއަކީ ފެށީއްސުރެވެސް ޕާކިސްތާނުގައި "ހިޓް"އެކެވެ. ނަމަވެސް ހައިރާން ވާން ޖެހޭ ކަމަކީ، ކޯކް ސްޓޫޑިއޯއަށް އިންޑިއާގައިވެސް ލިބެމުންދާ ހިފެހެއްޓުމެއް ނެތް ތަރުހީބެވެ. ސިޔާސީ އަދި ޖިއޮގްރަފީ އިމުން ފެށިގެން ގޮސް އެކި ހިސާބުތަކަށް މޫލާފައި ވާ ނަފުރަތާ ހަތުރުވެރިކަމުގެ ކަސްތޮޅުގައި ދެތަން ވެފައިވާ އަވަށްޓެރިންގެ ހިތްތައް ގުޅާލަދޭ ބައިވެރިއަކަށް މިއަދު ކޯކް ސްޓޫޑިއޯ ވަނީ ވެފައެވެ. ކޯކް ސްޓޫޑިއޯ-އިންޑިއާއަށް ވުރެ، ކޯކް ސްޓޫޑިއޯ-ޕާކިސްތާން، އިންޑިއާގައި މަގުބޫލެވެ.

ބޮލީވުޑްގެ ގިނަ ފިލްމުތަކަކަށް ލަވަކިޔައިދީފައި ވާ އާތިފް އަސްލަމް، ކޯކް ސްޓޫޑިއޯގެ ހުށަހެޅުމެއްގައި / ފައިލް ފޮޓޯ: ބިޒްނަސް ރެކޯޑާ

ޒަމާންވީ ހަތުރުވެރިކަމެއް އޮތް ނަމަވެސް، ކޮޅުކޮޅަށް ހޭލަމޭލަވެ އުޅޭއިރު އިންޑިއާ މީހުންނަށްވެސް އެންމެ ފަސޭހައިން "އަޅުވާލެވެނީ" ގުލާމް އަލީއާއި އާބިދާ ޕަރްވީން ފަދަ ޕާކިސްތާން ލަވަކިއުންތެރިންގެ ލަވަތަކެވެ. ހަމަ އެފަދައިން ޕާކިސްތާނުގެ އެތައް ޖީލެއް ބޮޑުވެގެން އައީ ބޮލީވުޑް ފިލްމުތަކުގެ ތެރޭގައެވެ. ދޭދޭ ގައުމުގެ ފަންނުވެރިން ގުޅިގެން މަސައްކަތް ކުރި މަންޒަރުވެސް ފެނިގެން ދިޔައެވެ. ނަމަވެސް ސިޔާސީ ކޯޅުންގަނޑު ގަދަވެ، ބޮލީވުޑް ފިލްމުތަކުން ޕާކިސްތާން ތަރިން ދޫކޮށްލިއެވެ. އަދި ޕާކިސްތާނުގައި އިންޑިއާ ފިލްމުތައް މަނާ ކުރިއެވެ.

އެ ހުރިހާ ތޫފާނެއްގެ ތެރޭގައިވެސް ކޯކް ސްޓޫޑިއޯ ދެމި އޮތެވެ.

ޕާކިސްތާނަށް ކޯކް ސްޓޫޑިއޯ ތައާރަފު ކޮށްދިނީ އެ ގައުމުގެ މިއުޒީޝަން ރޮހޭއިލް ހަޔާތުއެވެ. ކޯކް ސްޓޫޑިއޯގެ 14 ސީޒަންގެ ތެރެއިން 9 ސީޒަނެއްގެ ޕްރޮޑިއުސަރަކީވެސް އޭނާއެވެ. 1980ގެ އަހަރުތަކުގައި ޒުވާން ދުވަސްތައް ގުނަމުން ދިޔައިރު އެންމެ އުފާވީ ޕިންކް ފްލޮއިޑްއާއި ދަ ޑޯޒް ފަދަ ހުޅަނގުގެ މިއުޒިކުތަކުގެ ސަބަބުން ކަމަށާ، ދޭސީ މިއުޒިކް "ކޫލް" ކޮށްދިނީ، ރާހަތު ފަތަހް އަލީ ހާން ފަދަ ފަންނުވެރިންނާ އެކު މަސައްކަތް ކުރަން ފެށި ހިސާބުން ކަމަށް ހަޔާތު ބުނެއެވެ.

ކޯކް ސްޓޫޑިއޯގެ ހުށަހެޅުުމެއް / ފައިލް ފޮޓޯ: ކޯކް ސްޓޫޑިއޯ

ދޭސީ މިއުޒިކް އާ އުސްމިންތަކެއްގައި ގުގުމާލުމަށް ކުރި މަސައްކަތުގައި ހަޔާތުގެ އަތުގައި ނަސީބު ހިފީ 2005 ވަނަ އަހަރު ކޮކާ ކޯލާއިން އެއްބަސްވުމަކަށް އައި ހިސާބުންނެވެ. އަދި ފުރަތަމަ ތަޖުރިބާގެ މަސައްކަތް ފުރަތަމަ ސީޒަންގެ ގޮތުގައި ފެނިގެން ދިޔައީ 2008 ވަނަ އަހަރުއެވެ. އެ ލަވަތައް ވެގެން ދިޔައީ އެންމެ މަގުބޫލުވި ލަވަތަކަށެވެ.

ކޯކް ސްޓޫޑިއޯގެ މަގުބޫލުކަން ބޮޑުވަމުން ގޮސް، ކޯކް ސްޓޫޑިއޯ އިންޑިއާ އަދި ބަންގްލަދޭޝްވެސް އުފެދުނެވެ. ނަމަވެސް ކޯކް ސްޓޫޑިއޯ ޕާކިސްތާން ވަރެއް ހަމަ އަދިވެސް ނެތް ކަމަށް ބުނެވެއެވެ. ބޮލީވުޑްއަކީ އަދަޔާ ހިލާފަށް އެކްޓު ކުރުމާއި ނެށުންތައް ގިނަ ސިނާއަތަކަށް ވެފައި، އެއާ ހިލާފަށް ކޯކް ސްޓޫޑިއޯއަކީ ސީދާ މިއުޒިކަށް ސަމާލުކަން ދޭން އުފެއްދުމަކަށް ވުމުގެ ނަސީބުވެސް ބޮޑީއެވެ.

ކޯކް ސްޓޫޑިއޯ ވެފައި ވަނީ އޭޝިއާގެ ނިއުކްލިއާ ބާރުވެރިންގެ ގޮތުގައި އޮތް ހަތުރުންގެ ނަފުރަތު ނުފެންނަ މާލަމަކަށެވެ. ސިޔާސީ މަސްރަހުގެ އިންތިހާ ހޫނަށް ފިނިކަން ގެނެސްދޭ ޕްލޭޓްފޯމަކަށް ވެފައި ވަނީ ކޯކް ސްޓޫޑިއޯއެވެ. ޕާކިސްތާނާއި އިންޑިއާގައިވެސް ފިކުރު އޮތީ ހަމަ އެހެންނެވެ.