ކުޑަކުދިންނަށް ކުރަމުންދާ ގޯނާ އާއި ގެވެށި އަނިޔާގެ މައްޗަށް އަލިއަޅުވާލާ ފިލްމު 'ކަނބުލޮ' ރޭ ލޯންޗުކޮށްފިއެވެ.
ފިލްމު ލޯންޗުކުރުމުގެ ގޮތުން ދައްކާލި ޓައިޓަލް ވީޑިއޯއިން ފުރަތަމަ ދައްކާލީ އަނދިރި ހިސާބެއްގައި ހުރި ފަޅު ގެއަކުން ފަނޑު އައްޔެއް ފެންނަ މަންޒަރެވެ. މި ވީޑިއޯ އިން މަޔަކާއި ކުޑަކުއްޖަކު ރޯ އަޑު އިވެއެވެ.
މިދިޔަ އަހަރު ނެރުނު 'ކަމަނާ' ފިލްމު ޕްރޮޑިއުސްކުރާ ހުސައިން މުނައްވަރު (ކުޑަފޫޅު)ގެ 'ކިޑް ޕްރޮޑަކްޝަން' އާއި 'ސެޓާން ސްޓޫޑިއޯ' ހުށަހަޅައިދޭ މި ފިލްމުގައި ބުނެދެނީ:
- ކުޑަކުދިންނަށާއި އަންހެނުންނަށް ހިމާޔަތް ދޭން ޖެހޭ މީހުންގެ ފަރާތުން އެ މީހުންނަށް ދެމުންދާ އަނިޔާތަކަށް ކެތްކުރުމަށް މަޖުބޫރުކުރުވާ ވާހަކަ
- އަބުރުވެރިންގެ ގޮތުގައި އުޅޭ މީހުން ގޭތެރޭ ފޮރުވިގެން ތިބެ ކުޑަކުދިންނަށް ކުރާ ގޯނާ
- ކުޑައިރު ކުޑަކުދިންނަށް ލިބުނު އަނިޔާތަކުގެ ސަބަބުން ޒަވާޖީ ހަޔާތަށް ކުރާ އަސަރުތައް
މީގެ އިތުރުން ނުފޫޒު ގަދަ މީހުން އަދުލު އިންސާފުގެ މައްޗަށް އަތްގަދަކުރާ ގޮތާއި، ނިކަމެތި ކުދިންނަށް ކުރި ޖިސްމާނީ އަދި ޖިންސީ އަނިޔާތަކުގެ މައްޗަށް އިންސާފު ހޯދަން އަނިޔާ ލިބުނު ކުއްޖާ ކުރާ މަސައްކަތް މި ފިލްމުން ކިޔައިދެއެވެ.
'ކަނބުލޮ' ފިލްމަކީ މި މުޖުތަމައުގެ ކޮންމެ މަންމައަކާއި ބައްޕައަކު ވެސް ބަލާލަން ރަނގަޅު ފިލްމެއް ކަމަށް، ފިލްމު އުފައްދާ 'ކިޑް ޕްރޮޑަކްޝަން' އާއި 'ސެޓާން ސްޓޫޑިއޯ'ގެ ފަރާތުން ބުންޏެވެ.
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޔަޝްފާ އަބްދުލްޣަނީ 2009 ވަނަ އަހަރު ނެރުނު ދިގުވާހަކަ 'ޔުކްތާ' އަށް މަހުދީ އަހްމަދު ސްކްރީންޕްލޭ ލިޔެފައިވާ މި ފިލްމު ޕްރޮޑިއުސްކުރަނީ ފިލްމުގެ ވެސް ޑައިރެކްޓަރު ހުސައިން މުނައްވަރުގެ އިތުރުން 'ކަމަނާ' ފިލްމު ޕްރޮޑިއުސްކުރި އަލީ ޝާނިޒް މުހައްމަދެވެ.
ފިލްމުގެ މައި ކާސްޓުގެ ގޮތުގައި ފެންނާނީ މަޝްހޫރު ފިލްމީތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބާއި އަހްމަދު ނިމާލާއި އަހްމަދު އީސާ (އާނަންދު) އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދުގެ އިތުރުން މަރިޔަމް ޝަކީލާއެވެ.
ފިލްމު ސްކްރީންތަކަށް ނެރޭނީ އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގައެވެ.