ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން "ހިޔަލަ" ގްރޫޕްގެ އީދު ލަވައެއް ހުއްދަ ނުހޯދައި ބްރޯޑްކާސްޓްކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ނ. މަނަދުއަށް ނިސްބަތްވާ ހިޔަލަ ގްރޫޕުން ވަނީ މި އަޟްހާ އީދަށް ހާއްސަކޮށް 'އީދު ބޯމަތިވަނީ' ނަމުގައި ހާއްސަ ލަވައެއް ތައްޔާރުކޮށްފައެވެ.
ލަވަ ތައްޔާރުކޮށް، ޔޫޓިއުބްގައި ރިލީޒްކޮށްފައިވާއިރު އެ ލަވައަށް މިހާތަނަށް ވަނީ 85،000 ވިއުސް ލިބިފައެވެ. ނުވަދިހައިގެ އަހަރުތަކުގެ މަންޒަރުތައް ދައްކުވާދޭ މި ލަވައަށް ސޯޝަލް މީޑިއާގެ މަންސަ ތަކުގައި ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
އެ ލަވަ ޓީވީއެމްއިން ދެއްކީ އިއްޔެ ގެނެސްދިން އީދު ކަވަރޭޖްގެ ތެރެއިން ހަދިޔާއެއް ކަމަށް ބުނެއެވެ. ނަމަވެސް އެ ލަވަ ޓީވީއެމްއިން ދައްކާފައި ވަނީ އެ ގްރޫޕުގެ އެއްވެސް ހުއްދައެއް ނުހޯދާ ކަމަށް ބުނެ ހިޔަ ގްރޫޕުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި އެ ގްރޫޕުން ބުނީ، ޕީއެސްއެމް އާއި އިތުރު އެހެން އެއްވެސް ފަރާތަކަށް ލަވަ ދެއްކުމުގެ ހުއްދަ ދީފައިނުވާ ކަމަށެވެ. އަދި އެ ގްރޫޕުގެ އުފެއްދުމެއް ހުއްދަ ނުހޯދައި ބޭނުން ކުރުމަކީ ވަރަށް [އަން-ޕްރޮފެޝަނަލް] ކަމެއް ކަމަށް ވެސް އެ ގުރޫޕުން ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން ވެސް މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަން ފާހަގަކޮށް ހިޔަލަ ގުރޫޕުން ބުނީ، މިކަމުގައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ޕީއެސްއެމްއިން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.