ހިޔާ ފްލެޓުތައް ސަރަހައްދު ފެހި ކުރުމަށް އާންމުންނަށް ބޭނުންވާނެ ބާވަތްތަކުގެ ގަސްތައް އިންދުމަށް ތަން ތައްޔާރުކުރުމުގެ މަސައްކަތް އެޗްޑީސީއިން

އެޗްޑީސީއިން ބުނީ ހިޔާ ކޯޓުުޔާޑަކީ ހިޔާ ފްލެޓުތެރޭގައި ހެދިފައިވާ ކުދިކުދި ޕާކުތައް ކަމަށާއި އެ ޕާކުތައް ތަރައްގީކުރުމަށް ފްލޭނިން ޑިޕާޓްމެންޓުން ވަނީ ގަސް އިންދާނެ ގޮތުގެ ޑިޒައިންތައް ތައްޔާރުކޮށް ނިންމައިފާ ކަމަށެވެ.

މިހާރު ގަސް އިންދުމުގެ މަސައްކަތައް ފެށުމަށް އެތަން ތައްޔާރުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށާއި އެތަން ޑިޒައިން ކޮށްފައި ވާނީ އާންމު ރައްޔިތުންނަށް އިށީދެލައިގެން ތިބެވޭ ގޮތަށް ގޮނޑިތަކެއް ވެސް ޖަހާ ގޮތަށް ކަމަށް އެޗްޑީސީއިން ބުނެއެވެ.

މީގެ އިތުރުން ކޮންމެ ކޯޓު ޔާޑެއްގައިވެސް ހިޔާ ދޭ ބޮޑެތި ގަސްތަކެއް ހުންނާނެ ކަމަށާއި އޭގެ އިތުރަށް އެތާ އިންދާ ގަސްތަކަކީ ހިޔާގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް އޭގެ ބޭނުން ކުރެވޭ ކަހަލަ ގަސްތަކެއް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

"ވީހާވެސް ގިނަ ފަރާތްތަކަށް ބޭނުން ކުރެވޭ ކަހަލަ ގަސްތައްތަކެއް އެތާ އިންދަން ނިންމައިފާ ވަނީ"
އެސިސްޓެންޓް މެނޭޖަރު, ގްރީނިން

އެޗްޑީސީއިން ބުނީ އެތާ އިންދަން ނިންމާފައިވާ ގަސްތަކުގެ ތެރޭގައި ލެމަން ގްރާސްއާއި ގަނދަކޯޅިއާއި ހުވަނދު މާގެ އިތުރުން ހިކަނދި ފަތް އަދި ރާނބާފަތް ހިމެނޭނެ ކަމަށެވެ.